ހަބަރު

މިފަހަރުވެސް ޓެބްލެޓް ބޭނުން ކުރާނެ: އީސީ

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެސް ޓެބްލެޓު ބޭނުން ކުރަން ނިންމާފައިވާ ކަމަށާއި ނަމަވެސް ރިޔާސީ އިންތިހާބުގެ ތެރޭގައި ދިމާވި ފަދަ މައްސަލަތައް މަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގައި ވޯޓާސް ރަޖިސްޓްރީ އާއި ނަތީޖާ އީސީއަށް ފޮނުވުމުގެ ބައެއް މަސައްކަތްތައް ޓެބްލެޓު މެދުވެރިކޮށް ބޭނުން ކުރަން ޖެހުމާ ގުޅިގެން ވޯޓުލުމުގެ ކަންކަން ވަރަށް ބޮޑަށް ލަސްވެގެން ދިޔަ އެވެ. އަދި ޓެބްލެޓު ބޭނުންކޮށްގެން އެކަންތައް ކުރިޔަށް ގެންދާތީ އޭގެ ސައްހަ ކަމާ މެދު ވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދާ، ދިޔައީ ޝަކުވާ ކުރަމުންނެވެ.

އީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަވަސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ޓެބްލެޓު ބޭނުން ކުރަން ނިންމާފައި ވަނީ އިދާރީ ގޮތުން އީސީގެ އޮފިޝަލުންނަށް ފަސޭހަ ވާނެ ގޮތަކަށް ކުރިޔަށް ގެންދިޔުމަށްޓަކައި ކަމަށާއި އެހެންކަމުން ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެސް ޓެބްލެޓުތައް ބޭނުން ކުރަން ނިންމާފައިވާ ކަމަށެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ޓެބްލެޓު ބޭނުން ކުރުމުގައި ދިމާވި މައްސަލައަކީ އިންޓަނެޓްގެ މައްސަލަ ކަމަށާއި ނަމަވެސް މިފަހަރު އިންޓަނެޓް ނުލިބުނަސް ހިދުމަތް ދެވޭ ގޮތަށް ކަންކަން ހަމަޖައްސާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ކޮންމެ ވޯޓު ފޮއްޓެއްގައި ވޯޓާސް ލިސްޓު [ޓެބްލެޓު]ގެ ތެރޭގައި އިންނާނީ ސޭވްކޮށްފައި. އޭގެ މާނައަކީ ހަމައެކަނި އިންޓަނެޓް މެދުވެރިކޮށް ސާވާއިންނެއް ނޫނޭ ލިސްޓު ނަގާނީ. މިދިޔަ ފަހަރު ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ކޮންމެ ޓެބްލެޓަކަށް ލިސްޓެއް އަޅާފައެއް ނުވާނެ، އެއީ އިންޓަނެޓް މެދުވެރިކޮށް ސާވާއިން ލިސްޓު އެޕިއާވާ ގޮތަށް ހަދާފައި އިންނާނީ. މިފަހަރު ކޮންމެ ފޮއްޓަކަށް އެ ފޮށީގެ ނަމްބަރު ޖަހާފައި އެ ޓެބްލެޓުގައި އެ ފޮށީގެ ލިސްޓު އިންނާނެ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ވޯޓާސް ރަޖިސްޓްރީ ޗެކް ކުރުމަށާއި ވޯޓުލާ ފަރާތްތައް މާކު ކުރުމުގެ އިތުރުން އީސީއަށް ނަތީޖާ ފޮނުވުމަށް މި ފަހަރު ވެސް ޓެބްލެޓު ބޭނުން ކުރާނެ ކަމަށެވެ. އެގޮތުން އީސީއަށް ނަތީޖާ ފޮނުވާނީ އޮބްޒާވަރުންނާއި މޮނިޓަރުންގެ ކުރިމަތީ ނަތީޖާ އާންމުކޮށް އިއުލާން ކުރުމަށް ފަހުގައި ނަތީޖާ ކަރުދާސް އެ ސެންޓަރެއްގައި ތަތް ކުރުމަށް ފަހުގައި ކަމަށް ޝަރީފް ވިދާޅުވި އެވެ.