ހަބަރު

"އިންތިހާބުގައި ވާދަ ކުރާނީ 395 ކެންޑިޑޭޓުން"

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާނީ 395 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 403 ފޯމް އީސީއަށް ހުށަހެޅިފައިވާ ކަމަށާއި އޭގެ ތެރެއިން ގަބޫލުކޮށް، އެކަން އަންގާފައި ވާނީ 395 ކެންޑިޑޭޓުންނަށް ކަމަށެވެ. އެހެންކަމުން އިތުރު ފަރާތަކުން ކެނޑިޑޭންސީ އަނބުރާ ނުގެންދަވާ ކަމަށް ވާނަމަ އިންތިހާބުގައި ވާދަ ކުރައްވާނީ 395 ކެންޑިޑޭޓުން ކަމަށް ޝަރީފް ވިދާޅުވި އެވެ. ނަމަވެސް ބާކީ ތިބި އަށް ކެންޑިޑޭޓެއްގެ ފޯމް ބަލައި ނުގަންނަން އީސީ އިން ނިންމެވީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ޝަރީފް ވިދާޅެއް ނުވެ އެވެ.

"ކެނޑިޑެންސީ ގަބޫލު ކުރި ކަން ނުވަތަ ނޫންކަން އެނގުމުގެ ކުރިން ދެ ފަރާތަކުން ނަން އަނބުރާ ގެންގޮސްފައިވޭ. ކެނޑިޑެންސީ ގަބޫލު ނުކުރާކަން އެނގުމާ ގުޅިގެން ސައްހަ ކުރުމަށް ފަހު އަނެއްކާ ދެ ފަރާތަކުން އަނބުރާ ފޯމްލި. ނަން އަނބުރާ ގެންގޮސްފައިވާ މީހުންގެ ތެރެއިން އެއް ފަރާތަކުން އަލުން ފޯމް ހުށަހެޅި،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މި އިންތިހާބުގައި އުމުރުން 35 އަހަރަށް ވުރެ ދަށް ޒުވާނުންގެ ގޮތުގައި 71 ކެނޑިޑޭޓުން ވާދަ ކުރާ ކަމަށާއި އޭގެ ތެރޭގައި އަށް އަންހެން ކަނބަލުން ހިމެނޭ ކަމަށެވެ. އަދި އުމުރުން 35 އަހަރަށް ވުރެ މަތީ 27 އަންހެން ކަންބަލުން ކުރިމަތި ލާފައިވާ ކަމަށާއި 305 ފިރިހެނުން ކުރިމަތިލާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ކުރިމަތިލާފައިވާ ޖުމުލަ އަންހެނުންގެ އަދަދަކީ 35، އަދި ފިރިހެން ބޭފުޅުންގެ އަދަދަކީ 368. އެގޮތަށް ބަލާއިރު އަންހެން ބޭފުޅުންގެ އަދަދު ވަރަށް ކުޑަ. އެއީ 8.62 ޕަސަންޓު. 31 ޕަސަންޓު ބޭފުޅުންނަކީ ފިރިހެން ބޭފުޅުން،" ޝަރީފް ވިދާޅުވި އެވެ.

ވާދަ ކުރާ ކެންޑިޑޭޓުން ބެހިގެންވާ ގޮތް:

  • އެމްޑީޕީގެ 86
  • ޑީއާރްޕީ 5
  • އަދާލަތު 9
  • ޖޭޕީ 41
  • ޕީޕީއެމް 26
  • އެމްޑީއޭ 8
  • އެމްޓީޑީ 10
  • އެމްއެލްއެސްޑީ 9
  • ޕީއެންސީ 23
  • އަމިއްލަ ގޮތުން 186

ޝަރީފް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުލީ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާ ފަރާތްތައް ރީ ރަޖިސްޓާ ކުރުމަށް ފުރުސަތު ހުޅުވާލާފައިވީ ނަމަވެސް މިފަހަރު ރީ ރަޖިސްޓާ ކުރާ ފަރާތްތަކުގެ އަދަދު ވަރަށް މަދުން ހުށަހެޅެމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ ފަހަރުގެ އަދަދު 80،000 އަށް ވުރެ މަތީގައި އުޅޭ އިރު މިފަހަރު ރީ ރަޖިސްޓާ ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަޔަށް ލިބިފައި ވަނީ 224 ފޯމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ. ރީ ރަޖިސްޓްރޭޝަންގެ ފުރުސަތު ބަންދު ވާނީ އަންނަ ހަފްތާ ހޮނިހިރު ދުވަހުގަ އެވެ.