ހަބަރު

އިންތިހާބު ފަސް ކުރަން ޖެހޭ ސަބަބެއް ނެތް: އީސީ

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބު ފަސް ކުރަން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީ އިން މިހެން ބުނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާނެ މާހައުލެއް ނެތް ކަމަށް ބުނެ މަޖިލިސް އިންތިހާބު ފަސްކޮށްދިނުމަށް ޕީޕީއެމް އާއި ޕީއެންސީ އެ ކޮމިޝަންގައި އެދިފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަވުން އީސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ޕީޕީއެމް އިން ރަސްމީކޮށް ހުށަހަޅާފައި އޮތުމާ ގުޅިގެން އެ ސިޓީއާ ބެހޭ ގޮތުން އީސީ އިން މަޝްވަރާ ކުރާނެ ކަމަށެވެ. ނަމަވެސް އިންތިހާބު ފަސް ކުރަން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށާއި އިންތިހާބު އޮންނަ ދުވަސް ފަސް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް އަކްރަމް ވިދާޅުވި އެވެ.

"މިހާރު ބާއްވާ ތާރީހު ނޫން އެހެން ދުވަހެއްގައި އިންތިހާބު ބާއްވަން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑުމެން ކޮމިޝަންގައި އެ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު ޕީޕީއެމްގެ ސިޓީއަށް ޖަވާބެއް ދޭނަން،" އަކްރަމް ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބު އޮތީ އަންނަ އޭޕްރިލް މަހު ހަ ވަނަ ދުވަހުގަ އެވެ. މީގެ ކުރިން ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް ވެސް ޕީޕީއެމް އިން ސިވިލް ކޯޓުގައި އެދުމާ ގުޅިގެން ކޯޓުން ވަނީ އިންތިހާބު ފަސްކޮށްދީފަ އެވެ.