ވޯޓާ ތީމް ޕާކް (ހުޅުމާލެ)

ހުޅުމާލެ ވޯޓާ ތީމް ޕާކް އަންނަ އަހަރު ކުރީކޮޅު ހުޅުވަނީ

Feb 24, 2019
14

ހުޅުމާލޭގައި 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385.5 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާ ވޯޓާ ތީމް ޕާކް އަންނަ އަހަރު ހުޅުވާނެ ކަމަށް ހުޅުމާލެ ބަލަހައްޓާ، ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވޯޓާ ތީމް ޕާކުގެ މަސައްކަތް ހަލުއި ކަމާއެކު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަދާ އެ ޕާކުގެ މަސައްކަތް އަންނަ އަހަރުގެ މާޗް މަހުގެ ތެރޭ މުޅީން ނިމޭނެ ކަމަށެވެ.

އެޗްޑީސީއިން ޕާކްގެ މަސައްކަތް ކުރަނީ މެލޭޝިއާ މިރީ ހައުސިން ޑިވެލޮޕްމަންޓް ކުންފުންޏާ ހަވާލުކޮށްގެންނެވެ. ތީމް ޕާކަކާ އެކު 50 ކޮޓަރީގެ ސިޓީ ހޮޓަލެއްގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެތަން ތަރައްގީ ކުރަނީ ދިވެހިންނަށް އެ ތަނުގައި މަޑުކޮށްލެވޭ ގޮތަށް އަދި އަގު ހެޔޮކޮށް ކޮޓަރި ވެސް ލިބޭ ގޮތަށެވެ.

މި ޕާކް ހިންގަން މިރީ ހައުސިންއަށް ދީފައި ވަނީ 35 އަހަރަށެވެ.

މެލޭޝިއާގެ މަޝްހޫރު ވޯޓް ތީމް ޕާކެއް

ހުޅުމާލޭގެ ދެކުނު ކޮޅުން ބްރިޖަށް އަރަންދާ މަގުގައި އޮންނަ ބޮޑު މަގުގެ އަތިރިމައްޗަށްވާ ގޮތަށް ހަދާ ވޯޓަ ތީމް ޕާކުގައި ފެނުގެ ގިނަ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތް ގާއިމް ކުރާނެ އެވެ. މި ތަނުގައި ވޯޓާ ސްލައިޑްސް އާއި ކުޑަކުދިންގެ ޕޫލް ތައް ހުންނާނެ އެވެ. އަދި ބަމްޕަ ބޯޓްސް އާއި ވޯޓާ ހައުސްގެ އިތުރުން ވޯޓާ ރޯލާޒް އާއި ވޯޓާ ގައިރޯ އާއި އަކުއާ ލޫޕްސްގެ އިތުރުން ފައުންޓަން ސްކޮއާގެ ދިގު ފެންކޯރެއްވެސް އޮވެ އެވެ.