ހަބަރު

ނައިބު ކަމަށް އަދީބު ގެންނަން ގޮވާލައި ސޯޝަލް މީޑިއާގައި ޒުވާނުންތަކެއް ކެމްޕޭން ފަށައިފި

Jul 5, 2015

ޓްއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ނައިބު ރައީސްކަމަށް ގެންނަން ޒުވާނުން ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ފަށައިފި އެވެ.

އަދީބު ފޯ ވީޕީ ގެ ނަމުގައި ކުރިއަށް ގެންދާ އެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނަކު މިރޭ ބުނީ އަދީބު ނައިބު ރައީސްކަމަށް ގެންނަން ސޯޝަލް މީޑިއާގެ ކެމްޕޭނެއް ކުރިއަށް ގެންދަނީ، ނައިބު ރައީސްއަކަށް ގެންނަން އެންމެ އެކަށީގެންވާ ބޭފުޅަކީ އަދީބު ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ. އަދި އަދީބަކީ ޕީޕީއެމްއަށާއި ރައީސް ޔާމީނަށް އަދި މި ގައުމަށް އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެމުން އަންނަ ފަރާތަކަށް ވާތީ ކަމަށް ވެސް އޭނާ ބުންޏެވެ.

"މިކަމަށް ސަރުކާރުގެ އެންމެ އިސް ފަރާތްތަކުން ވެސް އެބަ އިއްތިފާގުވޭ. އެހެން ވީމާ އަދީބު ނައިބު ރައީސްކަމަށް ގެންނަން ޒުވާނުންގެ ތާއީދު ވެސް އޮތްކަން ހާމަ ކުރުން މީގެ ބޭނުމަކީ،" އޭނާ ބުންޏެވެ.

އަދީބް ފޯ ވީޕީގެ ހޭޝްޓެގް ބޭނުންކޮށްގެން އަދީބުގެ އެކި ފޮޓޯތަކާއި ކޮޓޯޝަންތައް ހިމަނައިގެން އަންނަނީ ޕޯސްޓަރުންތަކެއް ވެސް ދައުރު ކުރަމުންނެވެ. އެ ޕޯސްޓަރުތަކުގައިވާ ގޮތުގައި އަދީބަކީ އިގްތިސާދު ރާވަން އިނގޭ ޒުވާނުންގެ ލީޑަރެކެވެ. އެހެންވެ އެފަދަ ލީޑަރަކަސް ގައުމު ބޭނުންވާ ކަމަށް ވެސް އެ ޕޯސްޓަރުތަކުގައިވެ އެވެ.

އަދީބަކީ ނައިބު ރައީސްކަމަށް ގެންނަން އެންމެ އެކަށޭނަ ބޭފުޅާކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި އެ ގްރޫޕްގެ އެހެން މެންބަރުން ވެސް ވަނީ އެގޮތަށް ވިދާޅުވެފަ އެވެ. ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކިކުރުމުގެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ވައްދާފަ އެވެ. އެ މައްސަލައަށް ޖަވާބު ދާރީ ވާން ޖަމީލަށް ވަނީ 13 ދުވަހުގެ ނޯޓިސް މިހާރު ވެސް ދީފަ އެވެ.