ހަބަރު

މަޖިލީހަށް ކުރިމަތިލާ އެމްޑީޕީ ކެނޑިޑޭޓުންގެ ސުލޫކީ މިންގަނޑު އާންމުކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓުން، އެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސުލޫކީ މިންގަނޑު އެޕާޓީން އާންމުކޮށްފިއެވެ.

އެމްޑީޕީންބުނީ އެޕާޓީން އާންމުކުރި ކެންޑިޑޭޓުންގެ ސުލޫކީ މިންކަނޑަކީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކެންޑިޑޭޓުންގެ ސުލޫކީ މިންގަނޑާއި، އެ ގާނޫނުގެ 74 ވަނަ މާއްދާއަށް، 2018 ވަނަ އަހަރު، ކުށާއި އަދަބު އިތުރުކޮށްފައިވާއިރު، އެ ކަންކަންކަމަށް ރިޢާޔަތްކޮށް، މިހާރުގެ ގާނޫނަށްވުރެ ފުރިހަމައަށް ފަރުމާކުރެވިފައިވާ ސުލޫކީ މިންގަނޑެއްކަމަށެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންގެ ސުލޫކީ މިންގަނޑުގައި، ޕާޓީގެ ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި، އިސްލާމްދީނުގެ އަސްލުތަކާ ހިލާފު އެއްވެސް ވާހަކައެއް ދައްކައި، އިސްލާމްދީނުގެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ބާރު އެޅުމުގެ އިތުރުން، ނަޒާހަތްތެރި ކެންޑިޑޭޓުންތަކެއް ޕާޓީގެ ފަރާތުން ހުށަހެޅުމަށްޓަކައި ކެންޑިޑޭޓުންގެ މާލީ ބަޔާން، ފުރިހަމަ ތަފްސީލާއެކު ޢާންމުކުރަންޖެހޭނެކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އިންތިހާބާ ގުޅިގެން ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ ނުވަތަ ތަކެތި ހޯދުމަށްޓަކައި، އެއްވެސް ފަރާތަކާ ދެކޮޅަށް އެއްވެސް ބާވަތެއްގެ ނާޖާއިޒު ބާރެއް ބޭނުންނުކުރުމަށާއި، ވަކިމީހަކަށް ހާއްސަ އިމްތިޔާޒުތަކެއް ހޯދައިދޭނެކަމުގެ، ނުވަތަ ޒާތީ ފައިދާތަކެއް ހޯދައިދޭނެކަމުގެ ހުށަހެޅުމެއް ހުށަނޭޅުމަށް އެމްޑީޕީގެ ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައިވާކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.