ހަބަރު

ޑެންގީ ކޮންޓްރޯލް ކުރަން ކާނުތަކަށް ކްލޮރިން އަޅަން ފަށައިފި

Jul 5, 2015

ޑެންގީ ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގެ ދަށުން މާލޭގެ ކާނުތަކަށް ކްލޮރިން އެޅުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން ފަށައިފި އެވެ.

ހައުސިން މިިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވި ގޮތުގައި ކޮންމެ ދުވަހެއްގެ ފަތިހު މުޅި މާލެ ތެރެއަށް ފޮގް ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ފޮގް ކުރުމަކީ ދާއިމީ ހައްލަކަށް ނުވާތީވެ، ފޮގް ކުރުމުގެ އިތުރަށް ކާނުތަކަށް ކްލޮރިން އެޅުމުގެ މަސައްކަތް ރޭ ފަތިހު ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިނިސްޓްރީގެ އަމާޒަކީ ބޮޑަށް ފެންހެދޭ މަގުތައް ބަލައިގެން އެ މަގުތަކުގެ ކާނުތަކަށް ކްލޮރިން އެޅުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި މާލޭގެ ހުރިހާ ކާނުތަކަށް ކްލޮރިން އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިކަމުގެ ސަބަބުން މަދިރި ނައްތާލުމަށް މި ކުރާ މަސައްކަތަށް ވަރަށް ބޮޑު ބާރަކަށް ވާނީ. އެއީ ކާނުތަކުގެ ތެރޭގައި ފެން ހަރުލުމުގެ ސަބަބުން އެތަންތަނުގައި މަދިރި އާލާވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މަދިރި އުފެދޭ ގޮތަށް ހުރި ބައެއް ސަރަހައްދުތައް ހައުސިން މިނިސްޓްރީގެ އިސްނެގުމަށް ސާފު ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން މާލޭ ހެލްތް ސެންޓަރު ހުރި ސަރަހައްދާއި އެހެން ވެސް ސަރަހައްދުތައް ހައުސިން މިނިސްޓްރީގެ ސްޓާފުން ނިކުމެ ސާފު ކުރަން ވަނީ ފަށައިފަ އެވެ. އަދި މާލެއިން އުކާލާ ކުނި ވީހާ ވެސް އަވަހަކަށް ތިލަފުއްޓަށް ގެންދެވޭނެ އިންތިޒާމް ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.