ދުނިޔެ

ޓިއުނީޝިއާގައި ކުއްލި ހާލަތު އިއުލާންކޮށްފި

Jul 5, 2015

ޓޫރިސްޓުންގެ މެދުގައި މަގުބޫލް ބީޗު ޓައުންއެއްގައި ދިން ވަރުގަދަ ހަމަލާ އަށް ފަހު ޓިއުނީޝިއާގައި ކުއްލި ހާލަތު މިއަދު އިއުލާންކޮށްފި އެވެ.

ސޯސޭ ބީޗު ޓައުންގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ދިން ހަމަލާގައި 38 ޓޫރިސްޓުންނާ އެކު އިތުރު ބަޔަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެފައި ވާއިރު، އޭގެ ތެރޭގައި ގިނައީ އިނގިރޭސި ވިލާތުގެ ޓޫރިސްޓުންނެވެ. މަރުވި މީހުންގެ ތެރޭގައި އިނގިރޭސި ވިލާާތާއި ޓިއުނީޝިއާގެ ރައްޔިތުންގެ އިތުުރުން، ޖަރުމަނާއި ބެލްޖިއަމް އަދި އަޔަލެންޑުގެ ޓޫރިސްޓުން ހިމެނެ އެވެ.

ބޭނުންވެއްޖެ ހާލަތެއްގައި އިތުރުކުރެވޭ ގޮތަށް، މަސްދުވަހުގެ މުއްދަތަށް ކުއްލި ހާލަތު އިއުުލާންކުރައްވަމުން ޓިއުނީޝިއާގެ ބޮޑުވަޒީރު ހަބީބް އަސީދު ވިދާޅުވި ގޮތުގައި އެފަދަ ހަމަލާތަކަށް ތައްޔާރުވެ ތިބުމަށް ހަރުކަށި ފިޔަވަޅުތައް ވަނީ އަޅަންޖެހިފަ އެވެ. ހާއްސަކޮށް އަވަށްޓެރި ގައުމުތަކުގައި ހިނގަމުންދާ ދާހިލީ ހަނގުރާމަތަކުގެ އަސަރު ޓިއުނީޝިއާ އަށް ވެސް ކުރަމުުންދާ ކަމަށް ވިދާޅުވެ އޭނާ ވަނީ ސިފައިންނާއި ފުލުހުންނަށް އިތުރު ވަސީލަތްތަކާއި ތަމްރީނު ދޭންޖެހޭކަން ވެސް ފާހަގަކުރައްވާފަ އެވެ.

"އެކަމަށް ވަރަށް ބޮޑަށް ވަނީ ބޭނުން ޖެހިފައި،" ގައުމާ މުހާތަބު ކުރައްވައި ބޮޑުވަޒީރު ވިދާޅުވި އެވެ.

މީގެ ކުރިން ޓިއުނީޝިއާގައި އެންމެ ފަހުން ކުއްލި ހާލަތު އިއުލާންކޮށްފައި ވަނީ އޭރުގެ ސަރުކާރު ވައްޓާލުމަށް އާއްމުންގެ ގިނަ ބަޔަކު 2011 ގައި ކުރި މުޒާހަރާތަކުގެ ތެރޭގަ އެވެ. އެހެން ނަމަވެސް، އަރަބި ސްޕްރިންގުގެ ފެށުން ކަމަށްވާ އެ މުޒާހަރާތަކުގައި ސަރުކާރު ވެއްޓުމަށް ފަހު، ދެން ވެރިކަމާ ހަވާލުވި ސަރުކާރުން ވަނީ މިދިޔަ އަހަރުގެ މާޗު މަހު އެ ހާލަތު އުވާލާފަ އެވެ.

ސޯސޭ ބީޗުގައި ބަނޑި ޖަހައި ގިނަ އަދަދެެއްގެ މީހުން މަރާލި ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލާފައިވާ، އެ ހަމަލާ ދިން މީހާ ލީބިޔާގައި ތަމްރީނު ހެދި ކަމަށް ޓިއުނީޝިއާގެ ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ އަކީ ސްކޫލް ދަރިވަރެއް ކަމަށްވެ އެވެ. އައިއެސް އިން ބުނެފައި ވަނީ އެ ހަމަލާ ދިނީ އަބޫ ޔަހްޔާ އަލް ގައިރަވާނީ ނަމަކަށް ކިޔާ މީހަކު ކަމަށެވެ.

އެ ހަމަލާ ހުއްޓުވުމުގައި ފުލުހުން ނުކުޅެދުނު ކަމަށް ބޮޑުވަޒީރު އަސީދު ވަނީ މީގެ ކުރިން އެއްބަސްވެވަޑައިގެންފަ އެވެ. އަދި ސަލާމަތީ ބާރުތަކުގެ ގިނަ އަދަދެއްގެ ވެރިންނާއި ބައެއް ސިޔާސީ ފަރާތްތައް ވަނީ އެކަމާ ގުޅިގެން ވަޒީފާ އިން ވަކިކޮށްފަ އެވެ.

މީގެ އިތުރުން، ސަރުކާރުން ވަނީ ސަލާމަތީ ގިނަ ފިޔަވަޅުތަކެއް ވެސް އަޅާފަ އެވެ. އެ ގޮތުން، މުޅި ގައުމުގައި ފުލުހުންނާއި ސިފައިންގެ ފައުޖުތައް ރުކުރުވާލާފައި ވާއިރު، "ވިހަ" ފަތުރަމުންދާ ކަމަށް ބުނެ ގާތްގަނޑަކަށް 80 މިސްކިތް ބަންދުކުރަން ވެސް ވަނީ ނިންމާފަ އެވެ.

ޓިއުނީޝިއާގައި ހަނގުރާމަވެރިން ދޭ ހަމަލާތައް މި ފަހުން ވަނީ ވަރުގަދަކޮށްފަ އެވެ. އެ ގޮތުން، އެ ގައުމުގެ ގައުމީ ދާރުލްއާސާރަށް މިދިޔަ މާޗު މަހު ދިން ޓެރަރިސްްޓް ހަމަލާގައި 22 މީހަކު މަރާލާފައިވެ އެވެ. އައިއެސް އިން ޒިންމާ ނެގި އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ވެސް ގިނައީ ބޭރުގެ ޓޫރިސްޓުންނެވެ.

މީގެ އިތުރުން، މި ރޯދަމަހާ ދިމާކޮށް ހަމަލާތައް ވަރުގަދަކޮށް، އިތުރުކުރަން އައިއެސް އިން އެ ޖަމާއަތުގެ ހަނގުރާމަވެރިންނަށް ގޮވާލާފަ އެވެ.