ދުނިޔެ

ބަންގްލަދޭޝްގެ މަތިންދާބޯޓު ހައިޖެކް ކުރި މީހާ ބަޑިޖަހާ މަރާލައިފި

Feb 25, 2019
3

ޑާކާ (ފެބްރުއަރީ 25) - ބަންގްލަދޭޝް އިން ދުބާއީއަށް ދިޔަ މަތިންދާބޯޓެއް ހައިޖެކްކުރި މީހަކު، ބަންގްލަދޭޝް ސިފައިން ބަޑިޖަހާ މަރާލާފައިވާކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ބަޑިއެއް އޮތްކަމަށް ބުނެ އެ ބޯޓު ހައިޖެކް ކުރުމުގެ ތުހުމަތު ކުރެވޭ މީހާ މަރާލާފައިވަނީ، ޗިޓަގޮންގްގައި ކުއްލި ހާލަތުގައި ބޯޓު ޖެއްސި ވަގުތު، ބަގްލްދޭޝް ސިފައިން ބޯޓު ތެރެއަށް ވަދެގަނެ، އެ މީހާއާ ހިނގި ކުރިމަތިލުންތަކެއްގައި ކަމަށްވެ އެވެ.

ބީމާން ބަންގްލަދޭޝް އެއާލައިންސް ފްލައިޓުން ދަތުރުކުރި ޖުމްލަ 148 އަށް ފަސަންޖަރުން ވަނީ ސަލާމަތުން އެ ބޯޓުން ބާލައިފަ އެވެ.

ނަމަވެސް، ގާތްގަނޑަކަށް 25 އަހަރުގެ އެ މީހާގެ އެއްވެސް މައުލޫމާތެއް މިހާތަނަށް އާންމުކޮށްފައިނުވާއިރު، އޭނާ އެ ބޯޓު ހައިޖެކްކުރި ސަބަބެއް ހާމަކޮށްފައެއްނުވެ އެވެ.

ބަންގްލަދޭޝް ސިފައިން ބުނީ، ބަޑިޖެހުމުގެ ސަބަބުން އެމީހާ ފުރަތަމަ ޒަހަމްވެފައިވާ ކަމަށާއި، ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން އޭނާ މަރުވެފައިވާ ކަމަށެވެ.

"އަހަރެމެން އެންމެ ފުރަތަމަ މަސައްކަތް ކުރީ އޭނާ ހައްޔަރުކުރަން، ނަމަވެސް އޭނާ ދޫ ނުދިނުމުން އަހަރެމެންނަށް ބަޑިޖަހަން މަޖުބޫރުވީ،" މޭޖާ ޖެނެރަލް މޯތިއުރު ރަހްމާން އޭއެފްފީ ނޫހަށް ވިދާޅުވެފައިވެ އެވެ.

ރަހްމާން އިތުރަށް ވިދާޅުވި ގޮތުގައި، އެމީހާއަކީ ބަންގްލަދޭޝް ރައްޔިތެއްކަމަށާއި އޭނާ އަތުގައި ފިސްތޯލައެއް އޮތް ކަމަށެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އެމީހާގެ ސިކުނޑީގެ އުނިކަމެއް ހުރި ކަމަށާއި، ބޯޓު ހައިޖެކް ކުރުމަށްފަހު، ބޮޑު ވަޒީރު ޝެއިޚް ހަސީނާއާ ވާހަކަ ދައްކަން ބޭނުންވާކަމަށް ބުނިކަމަށްވެ އެވެ.