ހަބަރު

މާރިޔާގެ އިތުބާރު ނެތް މައްސަލަ ހުށަހަޅައިފި

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ޕީޕީއެމާއި ކޮންގްރެސް ޕާޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، މާރިޔާގެ އިތުބާރު ނެތް މައްސަލަ މިއަދު ވައްދާފައިވާ ކަމަށެވެ.

ނިހާން ވިދާޅުވީ، އެ މައްސަލަ ވައްދާފައިވަނީ ރާއްޖެ ހިފިދާނެ ކަމަށް މިނިސްޓަރު މާރިޔާ ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ކަމަށާއި އެފަދަ ވާހަކަތަކަކީ އެ މަގާމުގައި ހުންނަވާ ފަރާތަކުން ދައްކައިގެންވާނެ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެ މައްސަލާގައި މިނިސްޓަރު މާރިޔާ ޖަވާބުދާރީ ކުރުވުމަކީ ޒިންމާއެއް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ، ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި އެގޮތުން އެންމެ ފުރަތަމަ ކުރައްވާނެ މަސައްކަތަކީ މިނިސްޓަރު މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވެފައިވާ ގޮތުގައިި ކުރިޔަށް އޮތްތަނުގައި ފޮރިން މިނިސްޓަރާއި އެހެނިހެން މިނިސްޓަރުގެ އަމަލުތަކާއި ވާހަކަތައް ވެސް ވަރަށް ކައިރިން ބަލަމުންދާނެ ކަމަށެވެ. އެއަށް ފަހު ފަހަރަކު މީހެއްގެ ފަހަތުން ދާނެ ކަމަށާއި އެންމެން ހަމަ މަގަށް އެޅުމުގެ މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.

މިިނިސްޓަރު މާރިޔާއާމެދު މިފަހުން އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވީ އިންޑިޔާއަށް ރާއްޖެ ހިފިދާނެ ކަމަށް އިންޑިޔާގެ މީޑިއާއަކަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވުންނެވެ. ނަމަވެސް އެކަމަނާ ވިދާޅުވެފައިވަނީ އެ ވާހަކަތައް ފަތުރީ މާނަ އޮޅޭ ގޮތަށް ސިޔާސީ ބޭނުމެއްގައި ކަމަށެވެ.