ރިޕޯޓް

އެމްވީ ޑަބްސް: ދިވެހި ޑަބްސްމޭޝްގެ އެންމެ ބޮޑު ހޮޅުއަށި

Jul 5, 2015
2

ނުވަތަ އެންމެ ރަނގަޅުވާނީ މިއީ ދިވެހި ޑަބްސްމޭޝްގެ އެންމެ ބޮޑު ހޮޅުއަށްޓޭ ބުނިއްޔާ އެވެ.

"މިއީ ދިވެހިން ސޯޝަލް މީޑިއާ އަށް އަޕްލޯޑްކުރާ ހުރިހާ ޑަބްސްމޭސް ވީޑިއޯތައް އެއް ތަނަކުން ފަސޭހަކާ އެކު ބަލާލެވޭނެ ފަދަ ގޮތެއް ހެދުމަށް އަޅުގަނޑުމެން އުފެއްދި ވެބްސައިޓެއް،" އެމްވީޑަބްސް ތަރައްގީކުރި ޒުވާން ދެ ޑިވެލޮޕަރުންގެ ތެރޭގައި ހިމެނޭ މުހައްމަދު އަފްޒަލް (އަޕޯ) ބުންޏެވެ.

"މިއީ އަސްލު ދިވެހިން ނަގަމުން މިދާ ޑަބްސްމޭޝްގެ ފޯރި އިތުރުކުރުމަށް ކޮށްލި ފަން މަސައްކަތެއް."

އަޕޯއާ އެކު މި ވެބްސައިޓް ތަރައްގީކޮށް މީގެ އެޕް ގަތައި މަށައި ދީފައި ވަނީ އިސްމާއިލް ޒާހީ އެވެ. އަޕޯ އާއި ޒާހީގެ އެންމެ ފާހަގަކޮށްލެވޭ އަނެއް މަސައްކަތަކަށް ވާނީ ސަން އޮންލައިންގެ ވެބްސައިޓްގެ މަސައްކަތެވެ.

ކޮންމެއަކަސް ޑަބްސްމޭޝެއްގެ ރޯގާއެއް ޑެންގީ އަށް ވުރެ ހަލުވިކޮށް މުޅި ރާއްޖޭގައި ފެތުރެމުން އަންނައިރު އެމްވީޑަބްސްގެ މަގްބޫލުކަން ވެސް ދަނީ އެހެން ޑަބްސްމޭޝް ޕޭޖުތަކާ އެއްވަރެއްގައި މައްޗަށް އަރަމުންނެވެ. އެގޮތުން ހަލަބޮލި ސޯޝަލް މީޑިއާ، ފޭސްބުކްގައި ގާތްގަނޑަކަށް 1500 ލައިކްސް ލިބިފައިވާއިރު އެމީހުންގެ އެޕް 50 ފަހަރަށް ވުރެ ގިނަ ފަހަރު ޑައުންލޯޑްކޮށްފައިވެ އެވެ.

"މީގެ އަނެއް ބޭނުމަކީ ޑަބްސްމޭޝްގެ ފޯރި މަރުވެގެން ދިޔަޔަސް އޭގެ ފޭނުންގެ މި މަސައްކަތް މި ފޯރިއެއް ނެތް ދުވަހެއްގައި ވެސް ފަސޭހައިން ބަލައިލެވޭނެ ގޮތެއް ހަދައިދިނުން،" އަޕޯ ބުންޏެވެ.

އަޕޯ އާއި ޒާހީގެ މި ވެބްސައިޓަށް އެހެން އެންމެންގެ ޑަބްސްމޭޝްތައް ދަމައި ވައްދާފައި ވަނީ އާރްއެސްއެސްފީޑް މެދުވެރިކޮށެވެ. އެގޮތުން ފޭސްބުކްގައި ޑަބްސްމޭޝްގެ ޕޭޖުތައް ގާއިމުކޮށް އެ ޕޭޖުތަކަށް އަޕްލޯޑްކުރަމުން ގެންދާ ހުރިހާ ވީޑިއޯތަކެއް މި ވެބްސައިޓުގެ ގިންތިތަކަށް ބެހިގެން ދަނީ އެވެ.

އަޕޯ ބުނީ ޕޭސްބުކްގައި މިގޮތަށް ޑަބްސްމޭޝް ހިންގާ ފަރާތްތަކުން އެމީހުންގެ ޕޭޖުގެ ވީޑިއޯތައް އެމްވީޑަބްސްގައި ހިމަނަން ބޭނުން ނަމަ އެކަމަށް އެދިލުމާ އެކު ނިކަން ފަސޭހައިން އެކަން ކޮށްލެވޭނެ ކަމަށެވެ.

އެގޮތުން މިހާރު މި ވެބްސައިޓަށް ވަނީ އެންމެ މަޝްހޫރު ނޭފަރު ޑަބްސްމޭޝް އާއި މޯލްޑިވިއަން ޑަބްސްމޭޝް އަދި އަޑޫ ސިޓީ އާއި ފުވައްމުލަކު ފަދަ ހިސާބުތަކުގެ ޑަބްސްމޭޝް ފޭސްބުކް ޕޭޖުތައް ވެސް އެޑްކޮށްފަ އެވެ.

މިފަދަ ގްރޫޕްތަކުގެ ވީޑިއޯތައް މިފަދަ ގޮތަކަށް ވެބްސައިޓަށް އަޅަމުން ގެންދާތީ، ފޭސްބުކްގައި ޑަބްސްމޭޝް ހިންގާ ބައެއް ފަރާތްތަކުން މައްސަލަ ޖައްސާ ކަމަށް ވެސް އަޕޯ ބުންޏެވެ.

"އަޅުގަނޑުމެން މި ވެބްސައިޓްގައި ހިމަނަކީ އާންމުކޮށް ހުޅުވާލެވިފައިވާ މައިދާނަކުން ލިބެން ހުރި ވީޑިއޯތަކެއް. އެހެންވީމަ އޭގައި އެއްވެސް މައްސަލައެއް ނެތް. އަނެއްކޮޅުން ވެބްސައިޓްގައި ފޭސްބުކް ގްރޫޕްތަކުގެ ވީޑިއޯތައް ފީޗާކުރުމުން އެ ގްރޫޕްތަކަށް ލިބިގެންދާނީ އިތުރު މަޝްހޫރުކަމެއް."

"އަނެއްކޮޅުން އަޅުގަނޑުމެން މިއަކުން ވިޔަފާރިއެއް ވެސް ނުކުރަން. މިއީ ހަމަ މަޖަލަކަށް އަދި އެންމެނަށް ފަސޭހައަކަށް ކޮށްލި ކަމެއް."