ވިޔަފާރި

ދަތިތައް ހޯދަން ބާއްވާ ފޯރަމްގައި ބޮޑެތި ވިޔަފާރިވެރިން ނެތް!

ރާއްޖޭގައި ވިޔަފާރި ކުރުމުގައި ގިނަ ދަތިތަކެއް އެބަހުއްޓެވެ. ވިޔަފާރިއެއް ފަށަން ވެސް އެންމެ ދަތި އެއް ގައުމަށް ރާއްޖެ ވާނެ އެވެ. އަދި ވިޔަފާރި ފެށުމަށް ފަހު އަންނަ ގޮންޖެހުންތައް އެހާ ބޮޑެވެ. މި ދަތިތައް ތަހައްމަލް ކުރުމުގައި ބޮޑެތި ވިޔަފާރިތަކާއި ކުޑަ ވިޔަފާރިތަކުގެ ތަފާތެއް ނެތެވެ. ހަމައެކަނި ތަފާތަކީ ސައިޒެވެ. ބޮޑާއި ކުޑައިގެ ތަފާތެވެ. އެހެންވެ، އެ މައްސަލަތައް ދެމެގަންނަން "ބިޒްނަސް ކޮންވެންޝަން" ގެ ނަމުގައި ހާއްސަ ފޯރަމެއް ސަރުކާރުން މިއަދު ވަނީ ދަރުބާރުގޭގައި ފަށާނެ އެވެ. މި ފޯރަމުން ފާހަގަވީ އެއް ކަމަކީ ރާއްޖޭގެ ނަން މަޝްހޫރު "ބޮޑު" އެއްވެސް ވިޔަފާރިއެއް ފެންނަން ނެތުމެވެ. ބޮޑެތި ވިޔަފާރިވެރިން ބައިވެރިއެއް ނުވެއެވެ.

"އަޅުގަނޑުމެން ހުރިހާ ފަރާތްތަކަށް ވެސް އިންވިޓޭޝަން ފޮނުވިން. މި ބައިވެރިވީ ގާތްގަނޑަކަށް 150 ފަރާތް،" އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި ފޯރަމް ބާއްވަން ނިންމުމާއެކު ރާއްޖޭގެ ހުރިހާ ވިޔަފާރި ތަކަށް ދައުވަތު ފޮނުވިކަމަށްވެ އެވެ. މި ދައުވަތު ރަށްރަށުގައި ތިބި ވިޔަފާރިތަކާއި ހަމައަށް ވެސް ދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. ނަމަވެސް ދެ ދުވަހަށް ކުރިއަށް ދާ ކޮންވެންޝަންއަށް މިހާތަނަށް ލިބިފައިވަނީ ފަނޑު ތަރުހީބެކެވެ. ސަބަބީ ކޮބައި ހެއްޔެވެ؟ ހަަމަ ގައިމު ވެސް ރާއްޖޭގައި 5000 އެއްހާ ކުންފުނި ރަޖިސްޓްރީކޮށްފައިވެ އެވެ. އެ ފަރާތްތައް ކޮބައި ހެއްޔެވެ؟

މި ފޯރަމް އަށް ތަރުހީބު ކުޑަކަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

"މި ކޮންވެންޝަން އަސްލު ހަގީގީ މައްސަލަ ހޯދޭނީ ބައިވެރިވުން އިތުރުކޮށް، ހިޔާލުތަން ދީގެން. އުންމީދު ކުރިވަރަށް ވުރެ މި ހަފުލާގައި ބައިވެރިވަޑައިގަތް ވިޔަފާރިވެރިންގެ އަދަދު މަދު. ކަންތައް ކުރެވޭނީ އެންގޭޖު ވެގެން. ކުރިއަށް އޮތްތަނުގައި ސަރުކާރުން މި ދިއްކޮށްލި އަތުގައި ވިޔަފާރި ޖަމިއްޔާތަކުން ވެސް ބައިވެރިވާނެ ކަމަށް އުންމީދު ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ހުރި ވިޔަފާރީގެ ދަތިތައް އެންމެ ބޮޑަށް އެނގެނީ ވޯލްޑް ބޭންކުން ނެރޭ "އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސް" ގަ އެވެ. ވިޔަފާރި އަށް ފަހި މާހައުލެއް ގެންނަން ބާރު އަޅައި ނެރޭ މި ރޭންކިންގައި ރާއްޖެ އަހަރެއް އަހަރަށް ދަނީ ފަހަތަށް ޖެހެމުންނެވެ. ނިމިދިޔަ ސަރުކާރުން ވެސް ވަނީ މި ރޭންކިން މަތިކުރެވޭ ތޯ ވަަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ. ނިމިދިޔަ 12 އަހަރަށް ބަލާއިރު ވެސް މި ރޭންކިންގައި ރާއްޖެ ދިޔައީ ފަހަތަށެވެ.

މި ކޮންވެންޝަން އަސްލު ހަގީގީ މައްސަލަ ހޯދޭނީ ބައިވެރިވުން އިތުރުކޮށް، ހިޔާލުތަން ދީގެން. އުންމީދު ކުރިވަރަށް ވުރެ މި ހަފުލާގައި ބައިވެރިވަޑައިގަތް ވިޔަފާރިވެރިންގެ އަދަދު މަދު. ކަންތައް ކުރެވޭނީ އެންގޭޖު ވެގެން
ފައްޔާޒު އިސްމާއިލް| އިކޮނޮމިކް މިނިސްޓަރު

"ޑުއިން ބިޒްނަސް" ރޭންކިން ވެގެންދަނީ ބޭރުން އަންނަ އިންވެސްޓަރުން ވެސް ބަލާ އެއް މިންގަނޑަށެވެ. މި ރޭންކިގައި ރާއްޖެ ދެކުނު އޭޝިއާ ސަރަހައްދުން އޮތީ ހަ ވަނާގަ އެވެ. މި ސަރަހައްދުން އެއްވަނާގައި އޮތީ އިންޑިއާ އެވެ.

ވިޔަފާރިއަށް ފަހި މާހައުލެއް ގެނެވޭނީ ގިނަ ކަންތައްތަކެއް ރަނގަޅު ކޮށްގެންނެވެ. އަދި އެކަން ރަނގަޅު ކުރެވޭނީ ގިނަ ބައެއްގެ ހިޔާލު ހޯދައިގެންނެވެ.އެ ހިޔާލު ދެވޭނީ މިހާރު ކުރިއަށްދާ "ބިޒްނަސް ކޮންވެންޝަން" އަށް ގޮސްގެންނެވެ. ބައިވެރިވެގެންނެވެ.