ހަބަރު

ވޯޓުގައި އިތުރު ފާހަގައެއް ޖަހައިފި ނަމަ ބާތިލުވާ ބިލު ބަލައިގެންފި

ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިފި ނަމަ ވޯޓު ބާތިލުވާ ގޮތަށް ރައްޔިތުން މަޖިލީހަށް ހުށަހެޅި އިސްލާހު ބަލައިގެންފި އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އެ އިސްލާހު ހުށަހަޅާފައި ވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. އެ އިސްލާހަށް ވޯޓަށް ހުޅުވާލުމުން 61 މެންބަރުން ވޯޓު ދެއްވީ ބިލު ފާސް ކުރުމަށެވެ. އަދި ހަ މެންބަރުން ވަކިކޮޅަކަށް ނުޖެހެން ވޯޓު ދެއްވި އިރު އެއް މެންބަރަކު އެ ބިލާ ދެކޮޅަށް ވޯޓު ދެއްވި އެވެ. އެހެންކަމުން އެ ބިލު ބަލައިގެންފި ކަމަށް ރިޔާސަތުން އިއުލާން ކުރެއްވި އެވެ.

އެއަށް ފަހު ބިލު ވަނީ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް ވެސް މަޖިލީހުން ފާސްކޮށްފަ އެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު އާއި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް އާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އެވެ.

ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ނުވަތަ ކުރެހުމެއް ޖެހިޔަސް ވޯޓު ބާތިލުވާނެ ކަމަކަށް އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބުނެފައެއް ނުވެ އެވެ. ނަމަވެސް ޝާހިދު ހުށަހެޅުއްވި އިސްލާހުގައި ވޯޓު ބާތިލުވާ ކަންކަމުގެ ތެރޭގައި ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެނޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން އިތުރު އެހެން ފާހަގައެއް ނުވަތަ ލިޔުމެއް ނުވަތަ ކުރެހުމެއް ކުރަހާފައިވުން ވަނީ ހިމަނާފަ އެވެ.

ނަމަވެސް ވޯޓު ކަރުދާހުގައި ފާހަގަ އެއް އިތުރު ފާހަގައެއް ޖެހުމުން ބާތިލު ނުވާ ގޮތަށް ވެސް ހެދީ ޕީޕީއެމް އިންނެވެ. އެއީ ރިޔާސީ އިންތިހާބާ ދިމާކޮށް އެ ޕާޓީ އިން ގެނައި އިސްލާހެކެވެ. އެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ގިނަ މެންބަރުން ވަނީ އެކަން ފާހަގަކޮށް ބިލަށް ފާޑު ކިޔައިފަ އެވެ. އަދި އިންތިހާބު ގާތްވެފައި ވަނިކޮށް ބަދަލުތައް ގެނައުމަށް ތާއީދު ނުކުރާ ކަމަށް ވެސް ގިނަ މެންބަރުން ވިދާޅުވި އެވެ.