ހަބަރު

ކުޅުދުއްފުށީ 40 ރޯހައުސް އަށް ފެނާއި ނަރުދަމާގެ ހިދުމަތް ދޭން ގައުމީ ފެން ކުންފުންޏަށް

Jul 5, 2015

ކުޅުދުއްފުށީގައި އިމާރާތް ކޮށްފައިވާ 40 ރޯހައުސްއަށް ފެނާއި ނަރުދަމާގެ ހިދުމަތް ދޭން ގައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އަށް މިއަދު ހަވާލު ކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު އެވެ. އަދި ގައުމީ ފެން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ފަޒުލް ހަމީދެވެ.

މި އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށީގައި ސަރުކާރުން އިމާރާތް ކުރަމުން ގެންދާ 140 ރޯހައުސްގެ ތެރެއިން 40 ރޯހައުސްގެ ފެނާއި ނަރުދަމާގެ ހިދުމަތް އެ ކުންފުނިން ގާއިމް ކޮށްދޭނެ އެވެ. ދެ މަސް ދުވަހުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ މި މި މަސައްކަތަށް 1.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ މި މަސައްކަތް ނިންމަން ކަނޑައަޅާފައިވާ މުއްދަތަށް މަސައްކަތް ނިމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"މި ރޯހައުސްތަކުގެ ބާކީ ހުރި 100 ޔުނިޓު ނިންމުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން. ކޮންޓްރެކްޓަރާއެކު ގުޅިގެން މަސައްކަތް ކުރަމުން މިދަނީ. މި ބަލަނީ ސެޕްޓެމްބަރު ހިސާބު ނިންމާލެވޭނެ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.