ހަބަރު

ޕީޖީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނަގައިފި

ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ މައްޗަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ އެ މެންބަރު އަނެއްކާ ވެސް އަނބުރާ ނަންގަވައިފި އެވެ.

ޕީޖީ ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު، އަބްދުﷲ އަހުމަދު، އަބްޅޯ އެވެ. ޕީޖީގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މަޖިލީހަށް މެންބަރު އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި، ނަމަވެސް މައްސަލަ އިސްލާހު ކުރަން ކަމަށް ބުނެ މައްސަލަ އަނބުރާ ނެންގެވުމަށް ފަހު އަބްޅޯ ވަނީ އަނެއްކާ ވެސް އެ މައްސަލަ އަނބުރާ މަޖިލީހަށް ވައްދައިފަ އެވެ.

އެހެން ނަމަވެސް މިދިޔަ އަހަރުގެ ފަހު ދައުރު ނިމުނު އިރުވެސް އެ މައްސަލަ އޮތީ ތާވަލް ވެސް ނުކޮށެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ އެ މެންބަރު މިހާރު އަނބުރާ ނަންގަވާފައިވާ ކަމަށެވެ. އެ މެންބަރު މައްސަލަ އަނބުރާ ނެންގެވި ސަބަބެއް އޭނާ ވިދާޅެއްނުވެ އެވެ.

ޕީޖީ ބިޝާމްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި މައިގަނޑު ސަބަބަކީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަޖިލީހުގެ ބައެއް މެންބަރުން ހައްޔަރުކޮށް އެބޭފުޅުންގެ މައްޗަށް ކުރެވުނު ތަހުގީގުތަކާއި އުފުލުނު ދައުވާތަކުގައި ޕީޖީގެ ބޮޑެތި އިހުމާލުތަކެއް ހުރުމާއި އެކަށީގެންވާ ވަރަށް މަސްއޫލިއްޔަތު އަދާކޮށްފައި ނުވުމުގެ ސަބަބުން އެބޭފުޅުންނަށާއި އާންމުންގެ ގާނޫނީ ހައްގުތަކުން މަހުރޫމްވެ އެތައް ބަޔަކުން ނުހައްގުން އަނިޔާ ލިބިފައިވުމެވެ.