ހަބަރު

އެމްޑީޕީ ހޮވަންވީ ސަބަބު ވަރަށް ސާފުކޮށް އެބަ ފެނޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދޭން ޖެހޭ ސަބަބު މިހާރު ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ނަޝީދު އެފަދައިން ވާހަކަފުޅު ދެއްކެވީ ގާނޫނީ ވަކީލް ހިސާން ހުސެއިން ވާދަ ކުރައްވާ ތުޅާދޫ ދާއިރާއަށް ކެމްޕެއިން ކުރެއްވުމަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފެހެންދޫ ރައްޔިތުންނާ މުހާތަބު ކުރައްވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީއަށް ދޭން ޖެހޭ ސަބަބުތައް މިހާރު ވެސް ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށެވެ. ރައީސް ނަޝީދު އިޝާރަތް ކުރެއްވީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހިނގަމުންދާ ކަންކަމަށެވެ.

ކޮރަޕްޝަނާއި މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ކޮމިޝަނަށް ބާރު ދޭ ބިލް މަޖިލީހުން ފާސް ނުވެ އެތައް ދުވަހެއް ވަނީ ވެފަ އެވެ. އެކަމަށް މަޖިލީހުގެ ކޯރަމް ހަމަނުވާއިރު ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުން މަޖިލީހަށް ވަޑައިނުގަންނަވަ އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ އެ ބިލް ފާސްކުރުން މަޑުޖައްސާލައި އެޖެންޑާއިން ނަންގަވާފަ އެވެ. އެގޮތަށް އަމަލު ކުރެއްވީ އެ ރިޕޯޓާ ގުޅޭ ގޮތުން ކޮމެޓީގެ ބައެއް މެންބަރުން ޝަކުވާ ހުށަހަޅާފައިވާ ކަމަށް ވިދާޅުވެ އެވެ.

"ރައްޔިތުން ވެރިކަން ބަދަލުކުރި އެންމެ ބޮޑު ބޭނުމަކީ ވައްކަން ހުއްޓުވުން، ރައްޔިތުން ވެރިކަން ބަދަލުކުރީ ރައިސުލްޖުހޫރިއްޔާ އިސްވެ ހުންނަވައިގެން ހިންގަމުން ދިޔަ ވައްކަންތައް ތަހުގީގު ކުރުމަށް، އޮޅުންފިލުވުމަށް، ހޯދުމަށް، ރައްޔިތުން ވެރިކަން ބަދަލުކުރީ ރާއްޖޭގައި މީހުން މަރުވަމުންދާއިރު އެ މަރުތަކުގެ ހަގީގަތް ހޯދުމަށް ބޭނުންވާތީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ތަހުގީގުތައް ހިންގުން އެހީތެރިވެދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ ވާޖިބެއް ކަމަށެވެ. ސަރުކާރު ކޯލިޝަން އުފުދުނީ ރައްޔިތުން އެދޭ ކަންކަން ރައްޔިތުންނަށް ފުއްދައިދިނުމަށްޓަކައި ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަކަށް އިއްތިހާދަކުން ނުފެނޭ ރައްޔިތުން އެދޭ ބިލްތަކަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓުލަމުންދާ ތަނެއް، ރައްޔިތުން އެދޭ ބިލްތަކަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދެމުން ގެންދާނީ އެމްޑީޕީގެ މެންބަރުން، އެ މަޖިލީހަށް އިންތިހާބު ކުރީމަކަން ރާއްޖޭގެ ރައްޔިތުންނަށް މިހާރު މާބޮޑަށް ސާފު،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރަންރީނދޫ ކުލައިން މަޖިލީހުގެ ގޮނޑިތައް ފަވާލުމުން ނޫން ގޮތަކަށް ރައްޔިތުންގެ އުއްމީދުތައް ހާސިލް ނުވާނެ ކަމަށެވެ. ރައްޔިތުންގެ ހައްގުތައް ހޯދައިދިނުން ނޫން މަސްލަހަތެއް އެމްޑީޕީގެ ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.