ހަބަރު

ރާއްޖެ މިފަހަރުވެސް ސީމެގްގެ އެޖެންޑާގައި ނުހިމަނާ: ފޮރިން މިނިސްޓްރީ

Jul 5, 2015

ބައެއް ނުފޫޒު ގަދަ ގައުމުތަކުން ކޮމަންވެލްތްގެ ހާރިޖީ ވަޒީރުންގެ ކޮމިޝަން، ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމެނުމަށް ކުރި މަސައްކަތް މިފަހަރު ވެސް ކާމިޔާބު ނުވި ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.

މިއަދު ބޭއްވި ސީމެގްގެ ބައްދަލުވުމާ ގުޅޭ ގޮތުން، ފޮރިން މިނިސްޓްރީ އިން އާންމު ކުރި ބަޔާނެއްގައި ބުނީ، ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގާ ކަންކަމާ ގުޅޭ ގޮތުން ސީމެގަށް މައުލޫމާތު ހިއްސާކޮށްފައި ކަމަށެވެ. އަދި އެ މައުލޫމާތުތަކަށް ބަލައި، ކޮމަންވެލްތްގެ އުސޫލުތަކާ ހިލާފު ކަންތައްތަކެއް ރާއްޖޭގައި ހިނގަމުން ނުދާތީ އެ ގްރޫޕްގެ އެޖެންޑާގައި ރާއްޖެ ނުހިމެނުމަށް ނިންމީ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

"ނުފޫޒު ގަދަ ބައެއް ގައުމުތަކުން ރާއްޖެެއަށް ގެއްލުން ދިނުމަށް ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމެނުމަށް ގަދައަޅާ މަސައްކަތް ކުރި ނަމަވެސް، މިއަދުވެސް ނިންމާފައި ވަނީ އެ ގްރޫޕްގެ އެޖެންޑާގައި ރާއްޖެ ނުހިމެނުމަށެވެ،" ބަޔާނުގައިވެ އެވެ.

ސީމެގްގެ އެޖެންޑާގައި ގައުމެއް ހިމަނަނީ ކޮމަންވެލްތްގެ އުސޫލުތަކާ ހިލާފު ކަންތައްތަކެއް އެ ގައުމެއްގައި ހިނގަމުން ދާ ކަމަށް ގަބޫލު ކުރެވި އެ ކަންތައްތައް ރަނގަޅު ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. އެެޖެންޑާގައި ގައުމެއް ހިމަނައިފި ނަމަ އެ ގައުމަކަށް ސީމެގްގެ ބައްދަލުވުންތަކުގައި ބައިވެރިއެއް ނުވެވޭނެ އެވެ. އަދި އޭގެ ސަބަބުން އިގްތިސާދީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ގައުމަކަށް ބޮޑެތި ހުރަސްތަކާ ކުރިމަތިވާނެ އެވެ.

ދުންޔާ އިތުރަށް ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީ އިން ބުނީ، ބިނާކުރަނިވި ގޮތެއްގައި ކޮމަންވެލްތާ އެކު ގުޅިގެން މަސައްކަތް ކުރުމަކީ ރާއްޖެއިން އެދޭ ގޮތް ކަމަށެވެ. އަދި ކޮމަންވެލްތާ އެކު ގާތްގުޅުމެއް ބާއްވައިގެން ރާއްޖެއިން މަސައްކަތް ކުރަން ބޭނުންވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން ދުންޔާ ވިދާޅުވެފައި ވަނީ ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމަނައިފި ނަމަ، އެ ޖަމާއަތުން ވަކިވުމަށް ވިސްނާނެ ކަމަށެވެ. އަދި ރާއްޖެ އަކީ ކުޑަ ގައުމަކަށް ވުމުން ކޮމަންވެލްތުން ބައެއް ފަހަރު ބޭއިންސާފުކޮށް ރާއްޖެއާ މެދު ކަންކޮށް ވަކި ފަރާތަކަށް ޖެހިގެން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ދުންޔާ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.