ހަބަރު

ޖޭއެސްސީގެ މެޖޯރިޓީ ފަނޑިޔާރުން ތިބޭ ގޮތަށް ހަދަން ހުށަހަޅާނަން: އަލްހާން

ޖުޑިޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެޖޯރިޓީ ފަނޑިޔާރުން ތިބޭ ގޮތަށް ހަދަން ގާނޫނު އަސާސީއަށް އިސްލާހެއް ހުށަހަޅުއްވާނެ ކަމަށް ހެންވޭރު އުތުރު ދާއިރާއަށް ވާދަ ކުރައްވާ ޖޭޕީގެ ކެންޑިޑޭޓް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ކަމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމް އޮތީ ސިޔާސީ ފަރާތްތަކަށާއި ސަރުކާރުން ފަނޑިޔާރުންނަށް ބިރުދެއްކޭ ގޮތަށް ކަމަށެވެ. އެގޮތުން ފަނޑިޔާރަކު ގޯސް ކަމެއް ކުރީމަ ޝަކުވާ ކުރަން ޖެހެނީ ޖޭއެސްސީއަށް ކަމަށްވާ އިރު އެ ޝަކުވާ ބަލަނީ ގިނަައިން ސިޔާސީ މީހުން ތިބޭ ކޮމިޝަނަކުން ކަމަށް އަލްހާން ވިދާޅުވި އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި ރައިސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރަކާއި މަޖިލީހުގެ ރައީސާއި ބަންޑާރަނައިބަކީ ވެސް ޖޭއެސްސީގެ ތެރޭގައި ހުންނަ ސިޔާސީ ފަރާތްތައް ކަމަށާއި އޭގެ ސަބަބުން ވަންނަ ނުފޫޒުތައް ގިނަވާ ކަމަށް އަލްހާން ވިދާޅުވި އެވެ.

އެގޮތަށް އޮންނަނީ ހަމައެކަނި ސައުތު އެފްރިކާގައި އެކަނި ކަމަށާއި އެހެންކަމުން ތަހުޒީބު މުޖުތަމައުތަކުގައި އޮންނަ ގޮތަށް އެ ކޮމްޕޮސިޝަން ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހެއް ހުށަހަޅުއްވާނެ ކަމަށް އަލްހާން ވިދާޅުވި އެވެ. އެގޮތުން ޖޭއެސްސީގެ މެޖޯރިޓީ ފަނޑިޔާރުން ތިބޭ ގޮތަށް ހަދަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ އަދުލު އިންސާފާއިމް ކުރުމު ނިޒާމް އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަން. މި ރާއްޖޭގެ ފަނޑިޔާރުންގެ ޑީއެންއޭ އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ. އެހެންވެ މި ދަންނަވަނީ ސަރުކާރުން ބޭނުން ވަނީ އަބަދުވެސް، ރައީސް މައުމޫން ދައުރުން ފެށިގެން މިއަދު ވެސް އަޅުގަނޑަށް ފާހަގަ ވެފައި އޮތީ ސަރުކާރުން ސީދާ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާކަން، އެހެންވެ ސަރުކާރުން އެބަ ޖެހޭ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ހުއްޓާލަން،" އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އެމްޑީޕީއިން އަދުލު އިންސާފު ދޭން ބޭނުންވާ މަގާއި ޖުމްހޫރީ ޕާޓީއިން އެކަން ކުރަން ބޭނުންވާ މަގު ވަރަށް ތަފާތު ކަމަށެވެ. އެމްޑީޕީއިން ބޭނުން ވަނީ ރާއްޖޭގެ ޖުޑިޝިއަރީ ބަދަލުކޮށް، އެތަނަށް ސީދާ އެމްޑީޕީއިން ބޭނުންވާ ބަޔަކުލާން ކަމަށާއި ނަމަވެސް ޖޭޕީއިން އެގޮތް ބޭނުން ނުވާ ކަމަށެވެ. ޖޭޕީއިން ގަބޫލު ކުރަނީ ޖުޑިޝިއަރީ ރަނގަޅު ވާނީ އިތުރަށް އޭގެ ތެރެއަށް ސިޔާސީ ނުފޫޒުތައް ވެއްދުމުގެ ބަދަލުގައި ފަނޑިޔާރުން މެދުވެރިކޮށްގެން ނިޒާމް އިސްލާހުކޮށްގެން ކަމަށް އަލްހާން ވިދާޅުވި އެވެ.

"ރާއްޖޭގެ ޖުޑިޝިއަރީއަކީ ވަކި ސިޔާސީ ޕާޓީއެއް އަޑުގަދަވީމަ އެ ޕާޓީއެއްގެ ދަށުގައި އޮންނަ އެއްޗަކަށް ހަދަން މަސައްކަތް ކުރުމަކީ އެއީ އިންސާފު ގެންނަން މަސައްކަތް ކުރުމެއް ނޫން،" އަލްހާން ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ކޯޓުތައް ހުރީ ފަނޑިޔާރުންނަށް ޝަރީއަތް ވެސް ނުކުރެވޭހާ ހާލު ދެރަކޮށް ކަމަށް އަލްހާން ވިދާޅުވި އެވެ. އެހެންކަމުން އެ ދާއިރާ އިތުރަށް ރަނގަޅު ކުރުމަށް ސަރުކާރުން ދޭން ޖެހޭ ބަޖެޓު ދިނުމާ ގުޅޭ ގޮތުން ސަރުކާރުން މަޝްވަރާ ނުކުރަންވީ ކީއްވެތޯ އަލްހާން ސުވާލު ކުރެއްވި އެވެ. އަދި ވިދާޅުވީ އެ ހާލަތުގައި ޝަރުއީ ދާއިރާ އޮތް އިރު އެ ވާހަކަތައް ނުދައްކާ އިންސާފު ގާއިމް ކުރާ އިތުރު ވާހަކައެއް ނުދެއްކޭނެ ކަމަށެވެ.