ހަބަރު

ރިޔާސީ ކޮމިޝަންތަކަކީ ކުޅޭ ޝޯ އެއްކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެ

Mar 2, 2019
4

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފައްދާފައިވާ ވީނުވީއެއްނޭގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަ ތަހުގީގު ކުރާ ކޮމިޝަނަކީ ކުޅޭ ޝޯއެއް ކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޙަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ، އެކޮމިޝަނަށް ގާނޫނަކުން ބާރު ދެވޭނެ ހަމައެއް ހަގީގަތުގައި ނޯންނާނެ ކަމަށެވެ. ދުސްތޫރީ ދައުލަތެއްގައި އެކަން ކުރާނަމަ އެހެދެނީ ގޯހެއް ކަމަށެވެ.

"ކޮން ކަމެއްތޯ ގާނޫނު ހަދައިގެން ހުސްނުއްސުއޫދު ރިޔާސަތުގައި އިންނަވާ ކޮމިޓީއަކަށް ކުރެވޭނީ. ހުސްނުއްސުއޫދަކީ ތަހުގީގު ކުރުމުގެ ކޮން ތަޖުރިބާއެއް ލިބިފައި ހުރި ބޭފުޅެއްތޯ. ސީރިއަސް މާޑާ ކޭސެސް ދިވެހި ރާއްޖޭގެ ފުލުހުންނާ އަދި ބައިނަލް އަގުވާމީ އިންޓެލިޖެންސް ބޭނުންކޮށްގެންވެސް މައުލޫމާތު ހޯދާފައި ހުރި ކޭސްތައް އަލުން މި ކޮމިޝަނުން ކޮންކަމެއްތޯއޭ ކުރާނީ." އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ އެ ކޮމިޝަންގެ ބޭނުމަކީ ބޭނުންވާހާ ގޮތަކަށް މީހުން ދަމާހަލާފައި ގެންގޮސް އެތަނަށް ވައްދައި ސުވާލުކޮށް، ނުހަމަ ގޮތުގައި ދައުލަތުގެ ބާރުތައް ނަގަންވެގެން ކުރާ މަސައްކަތެއް ކަމަށާއި، އެއީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. މިހާރުވެސް އިހުލާސްތެރިކަމާއެކު އެކަން ކުރަން ބޭނުން ނަމަ ފުލުހުންގެ މުއައްސަސާއަށް ހާޒިރުކޮށް، އެކަން ކުރަންވީ ކަމަށާއި، މިހާރު އެކްޓިން ސީޕީއަކަށް ހުންނެވީ މި ސަރުކާރުން އައްޔަން ކުރި މީހެއްކަން އަލްހާން ފާހަގަ ކުރެެއްވި އެވެ.

ކޮމިޝަންތަކުގެ މައްސަލައިގައި އެންމެ ފަހުން މަޖިލިސް ކައިރިއަށް ފޮޓޯތަކެއް ހިފައިގެން އެއްވި މީހުންނަށް އިޝާރާތްކޮށް، އަލްހާން ވިދާޅުވީ، އީވާން ނަސީމާއި، ބޮބީއާއި، ޖަލުގައި މީހުން މަރާ ކަމަށް އެމްޑީޕީ ސަރުކާރުގައި ވާހަކަ ދެއްކި މީހުންގެ މައްސަލަތައް ކޮބާތޯ އާއި، އެކަންކަން ތަހުގީގު ނުކުރަންވީ ކީއްވެތޯ އެވެ. ހަމަ އެކަނި ދެމީހެއްގެ ފޮޓޯ ހިފައިގެން އުޅުމަކީ މައްސަލައެއް ކަމަށް އަލްހާން ވަނީ ވިދާޅުވެފަ އެވެ.

"ޑރ. އަފުރާޝީމްގެ ފޮޓޯ އެއް ނުގެންދޭ މިތާކަށް. ރަތްކުލައިގެ ބެލޫންއެއް ލައިގެން ހައިރާންމާކެއް ޖަހައިގެން ދެމީހެއްގެ ފޮޓޯ. އަޅުގަނޑު އެއްވެސް ހާލެއްގައި މި ދަންނަވަނީކީއެއް އެދެމީހުންނަކީ މަރާލަންޖެހޭ ބައެކޭ އެއްނޫން. މަރާލައިގެން ވާނެއެކޭވެސް ނޫން. އެމީހުންނަށް އިންސާފު ލިބެން ނުޖެހެއެކޭވެސް ނޫން. އިންސާފު ލިބެން ޖެހޭނެ." އަލްހާން ވިދާޅުވި އެވެ.

އަލްހާން އިތުރަށް ވިދާޅުވީ، ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގު ކުރަންވީ ކަމަށާއި، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ. އަދި ޑރ. އަފުރާޝީމް މަރުގެ މައްސަލައިގައިވެސް އެކަން ކުރި މީހެއްގެ މައްޗަށް ދައުވާ ސާބިތުވެފައިވާ ކަމަށެވެ. އެކަމުގައި ދެން އިތުރަށް ކުރަން އޮތީ ކޮން ތަހުގީގެއްތޯ އަލްހާން ވަނީ ސުވާލު އުފައްދަވާފަ އެވެ.