ހަބަރު

އެމްއެމްސީގެ މެންބަރު ކަމަށް އަވަސްގެ ނާއިފު އިންތިހާބުކޮށްފި

Mar 2, 2019

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީގެ) މެންބަރު ކަމަށް އަވަސް އޮންލައިންގެ އަހުމަދު ނާއިފު އިންތިހާބުކޮށްފި އެވެ.

އަވަސް އޮންލައިންގެ މެނޭޖިން އެޑިޓަރު ކަމުގެ މަގާމުގައި ހުންނެވި ނާއިފު، މީޑިއާ ކައުންސިލްގެ މެންބަރު ކަމަށް އިންތިހާބުވީ އެ ކައުންސިލްގެ ހުސްވެފައިވާ މެންބަރު ކަމުގެ ގޮނޑިއަށް ބޭފުޅަކު އިންތިހާބު ކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގެ ވޯޓް ކާމިޔާބު ކުރައްވައިގެނެވެ. ބައި އިލެކްޝަންގައި ނާއިފަށް 63 ވޯޓް ލިބުނެވެ.

އިންތިހާބުގައި ނާއިފާއެކު ދެން ވާދަ ކުރެއްވީ މީޑީއާ ކައުންސިލުން ފުރަތަަމަ ދިން މިޑިއާ އެވޯޑް ހާސިލް ކުރެއްވި، އޭރު ދިވެހި ރާއްޖޭގެ އަޑުގައި މަސައްކަތް ކުރެއްވި އަހުމަދު ނައުޝާދެވެ. އޭނާ މި ފަހަރުގެ ބައި އިލެކްޝަންގައި ވާދަ ކުރެއްވީ ނ. އަތޮޅަށް ނިސްބަތްވާ ކޮމިއުނިޓީ ނޫހެއް ކަމަށް "ނޫނު އިންފޯ" އިންނެވެެ.

މިއަދު ނެގި ވޯޓްގައި އަހުމަދު ނައުޝާދަށް ލިބި ވަޑައިގަތީ 9 ވޯޓެވެ. -- މި އިންތިހާބުގައި ވޯޓްލާން ރަޖިސްޓްރީ ކުރީ މީޑިއާގެ 85 ފަރާތަކުންނެވެ.

މީޑިއާ ކައުންސިލްގެ މި ބައި އިލެކްޝަަނަކީ އެ ކައުންސިލްގެ މެންބަރު ކަމުގައި ހުންނެވި ރާއްޖެ ޓީވީގެ ނޫސްވެރިޔާ އަލީ ޔޫސުފުގެ މެންބަރު ކަމުގެ ދައުރު ހަމަވެގެނެވެ. އަލީ ޔޫފުސުގެ ކުރިން އެ ގޮނޑި ފުރުއްވެވީ އަވަސް އޮންލައިންގައި ކުރިން މަސައްކަތް ކުރެއްވި މުހައްމަފު އަފްޒަލެވެ.