ހަބަރު

މަޝްވަރާތަކުގެ އުންމީދު ބޮޑު، ބަންދުގައި ތިބި ސިޔާސީ މީހުންނަށް ލުއި ދޭން ސަރުކާރުން ތައްޔާރު

Jul 6, 2015

ބަންދުގައި ތިބި ސިޔާސީ ފަރާތްތަކަށް ލުޔެއް ދިނުމަށް އެމްޑީޕީ އިން ހުށަހެޅި ހުށާހެޅުމަށް ލުއިތަކެއް ދޭން ސަރުކާރުން ބޭނުންވާކަން މިރޭގެ މަޝްވަރާ ބައްދަލުވުމުގައި ހާމަކޮށްފި އެވެ. އަދި މަޝްވަރާތަކުްނ ރަނގަޅު ނަތީޖާއެއް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނެރެވޭނެ ކަމަށް ކުރެވޭ އުންމީދު ވެސް މި ވަނީ ބޮޑުވެފަ އެވެ.

ދެވަނަ މަޝްވަރާ ބައްދަލުވުމަށް ފަހު މިރޭ ރައީސް އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެސްގައި އިބޫ ވިދާޅުވީ ރާއްޖޭގައި މަޝްވަރާ ކޮށްގެން ހައްލު ކުރަން ޖެހޭ މައްސަލަތަކެއް ހުރި ކަމަށް ދެ ފަރާތުން ވެސް ގަބޫލު ކުރާ ކަމަށެވެ. އަދި އެއް ފަރާތުން އަނެއް ފަރާތަށް ދޫދިގެން މައްސަލަތައް ހައްލު ކުރަން ތިބީ ތައްޔާރަށް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. މިރޭ ވާހަކަ ދެކެވުނީ ސިޔާސީ މަޝްރަހު ފިނި ކުރުމަށް ދެ ފަރާތުން ކުރަން ޖެހޭ ކަންތައްތަކާ މެދުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިބޫ ވިދާޅުވި ގޮތުގައި ސިޔާސީ ކަންކަން ފިނި ކުރުމަށް ސިޔާސީ ކުށްވެރިން ލުޔެއް ދިނުމަށް ހުށަހެޅި ކަމަށެވެ. އަދި އެކަމަށް ސަރުކާރަށް ދެވޭނެ ލުއިތަކާ ބެހޭ ކަރުދާހެއް ސަރުކާރުން އަންނަ ބުދަ ދުވަހުގެ ރޭގައި އޮންނަ ބައްދަލުވުމަށް ހުށަހަޅައި މަޝްވަރާ ކުރާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އެމްޑީޕީ އިން ކުރަން ޖެހޭ ކަންތައްތައް ވެސް ސަރުކާރުން އެރޭ ހުށަހަޅާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"މަޝްވަރާތައް މިހާރު ކުރިއަށް މިދާ މާހައުލުގައި އަޅުގަނޑު އުންމީދު މި ކުރަނީ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މީގެން ނަތީޖާއެއް ނެރެވޭނެ ކަމަށް. މިކަންކަން ކުރިއަށް ގެންދެވޭނެ ގޮތްތަކުގެ ތާވަލަކަށް އަޅުގަނޑުމެންނަށް އާދެވޭނެ ކަމަށް އުންމީދު މި ކުރެވެނީ. މިއީ ވަކި ބަޔަކަށް ކަންކަން މަޖުބޫރުކޮށްގެން ކަންތައްތަކެއް ކުރަން އަޅުގަނޑުމެން ބާއްވާ މަޝްވަރާތަކެއް ނޫން. އޭގެ ބަދަލުގައި ދެބައި މީހުން ވެސް ކަންތައްތަކެއް ކުރަން އެއްބަސްވެގެން ކުރާކަމެއް،" އިބޫ ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ބައިވެރިވާ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، މިއީ ވަކި ބަޔަކު މޮޅުވެ ބަލިވުން ކަނޑައަޅާނެ މަޝްވަރާތަކެއް ނޫން ކަމަށެވެ. އަދި މި މަޝްވަރާތައް ކުރިއަށް ދަނީ ދިގު މުއްދަތަކަށް ރާއްޖޭގައި ޖެހޭ މައްސަލަތަކަށް ހައްލު ހޯދުމަށް އެއްބަސްވުންތަކަކަށް އައުމަށް ކަމަށެވެ. އަދި މަޝްވަރާތައް ކުރިއަށް ދަނީ ވަރަށް އެކުވެރިކޮށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ މި މަޝްވަރާތައް ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.