ރިޕޯޓް

ހީވާގި ދިވެހި އަންހެނުން: ފަސްމީރު މަސްދަޅު މީރުކުރަނީ!

ހުދު ހެދުމުގައި ތިއްބަސް އެއީ ނަރުހުންނެއް ނޫނެވެ. އެކަމަކު އެ މީހުންގެ ޒިންމާ ކުޑައެއް ނޫނެވެ. މި މީހުންނަކީ ޒިންމާދާރު ވަޒީފާއެއްގައި ތިބި ބައެވެ. މުހިންމު ބައެކެވެ. އެ މީހުންގެ މަސައްކަތަކީ އަހަރެމެން ކެއުމަށް ބޭނުންކުރާ މަސް ދަޅަށް، އަޅާ މަސް ސާފު ކުރުމެވެ. އަހަރެމެންގެ އަރުތެރޭގައި ކައްޓެއް ޖެހުނަ ނުދީ މަސް ސާފު ކުރުމެވެ. މިއީ ފެލިވަރު ފެކްޓްރީގައި މަސައްކަތްކުރާ ހީވާގި އަންހެން މުވައްޒަފުންނެވެ. މަސް ސާފު ކުރުމުގައި އުޅޭ އަންހެނުންގެ "ފައުޖެވެ." އެ މީހުންގެ މަސައްކަތުން ފަސްމީރު ދަޅަށް "މީރުރަހަ" ގެނެސް ދެ އެވެ.

"މިތަނުގަ މަސައްކަތް މި ކުރަނީ ވަރަށް ކުރާ ހިތުން. މިކަމަށް ނުކުތީ ކެރިގެން،" ފެލިވަރުގައި މަސައްކަތްކުރާ އެންމެ ދުވަސްވީ އެއް މުވައްޒަފު ކަމަށްވާ މަމްދޫހާ އިބްރާހިމް ބުންޏެވެ.

މިފްކޯ ފެކްޓްރީއަށް ކިރުވާ އެތައް ޓަނެއްގެ މަސް ފަހަރު މަހަކުން ނަގައި، އޭގެ ކަށި ފިލުވައި ސާފު ކުރުމުގެ މަސައްކަތުގައި މިފަދަ އެތަށް މަމްދޫހާ އެއް އުޅެ އެވެ. މިތަނުގައި 80 އަށް ވުރެ ގިނަ އަންހެނުން މަސައްކަތް ކުރެ އެވެ. މީގެ ތެރޭގައި 25 ވަރަކަށް މީހުންނަކީ ދިވެހި އަންހެނުންނެވެ. ހިތްވަރު ގަދަ ދިވެހި އަންހެން ކަނބަލުންނެވެ. އެ މަސައްކަތުގައި ގިނަ އަދަދެއްގެ ޒުވާނުން ވެސް މަސައްކަތް ކުރެ އެވެ. އެ މީހުންގެ ނަޒަރުގައި މަސް ސާފު ކުރުމަކީ ދިވެހި އަންހެނުން ކުރަން ވަރަށް ރަނގަޅު މަސައްކަތެކެވެ.

މި ފިކުރުގެ އެއް ޒުވާނަކީ ޅ. ނައިފަރު މަރިޔަމް ރައުޝާނާ އެވެ. އޭނާގެ އެންމެ ފުރަތަމަ މަސައްކަތަކީ ގޭގައި ޓިއުޝަން ދިނުމެވެ. ނަމަވެސް އެ މަސައްކަތުން އަތް ދޫކޮށްލުމަށްފަހު، ރައުޝާނާ މިހާރު އެ ހުރީ ފެލިވަރު ފެކްޓްރީގައި ފައިހަރު ކޮށްގެންނެވެ. އޭނާ އެ ދަނީ މި ފެކްޓްރީގައި މިސާލު ދައްކަމުންނެވެ.

ރައުޝާނާ ބުނީ ޓިއުޝަން ދީގެން ލިބޭ އާމްދަނީއަށް ބަލާއިރު މިހާރުގެ އާމްދަނީ "ހާސްބައި" ރަނގަޅު ކަމަށެވެ.

"ޓިއުޝަން ދީގެން ލިބޭ އާމްދަނީ އަށްވުރެ މިތަނުން ރަނގަޅު އެއްޗެއް ލިބޭ. އެހެންވެ ޓިއުޝަން ދިނުން ހުއްޓާލާފަ މަސައްކަތެއް ނުކޮށް ނުހުންނަން ވެގެން މިކަން ފެށީ،" ހިނިތުންވުމާއެކު ވާހަކަ ދައްކަމުން ރައުޝާނާ ބުންޏެވެ.

ރައުޝާނާ މި ފެކްޓްރީގައި ކުރާ މަސައްކަތަކީ ބަންދުކުރާ ދަޅު މަސް އިންސްޕެކްޓް ކުރުމެވެ. މި ޒިންމާ އޭނާ ދަނީ ވަރަށް ރަނގަޅަށް އުފުލަމުންނެވެ.

"މަސް ދަޅު ހަދާއިރު ދަޅަށް އަޅާ މަހުގެ ވެއިޓް ވެސް ކޮންޓްރޯލް ބަލަހައްޓަންޖެހޭ،" ރައުޝާނާ ބުންޏެވެ.

އޭނާ ބުނީ މި ދާއިރާއަކީ އަންހެނުން މަސައްކަތް ކުރަން އެންމެ ރަނގަޅު އެއް ދާއިރާ ކަމަށެވެ. ހާއްސަކޮށް ފެލިވަރާ ކައިރީގައި ދިރިއުޅޭ މީހުންނަށް މިއީ ރަނގަޅު ފުރުސަތެއްކަން އޭނާ ފާހަގަ ކުރި އެވެ.

"މަސައްކަތެއް ނުކޮށް ގޭގައި ހުރުމަށް ވުރެ ކޮންމެ ވެސް ކަހަލަ މަސައްކަތެއްގައި އުޅުމަކީ ވަރަށް މުހިންމު ކަމެއް. މި ދާއިރާއަކީ ވެސް ރަނގަޅު ދާއިރާއެއް. ކޮންމެ ކަމެއްގައި ވެސް މި ޖެހެނީ ކެރިގެން ކުރިމަތިލާން. އޭރުން ކާމިޔާބު ވާނީ،" ވަރުގަދަ އަޒުމެއްގައި ހުރި، ރައުޝާނާ ބުންޏެވެ.

ފެލިވަރު މަސް ފެކްޓްރީގައި ގިނަ އަދަދެއްގެ ޒުވާން އަންހެން ކުދިން މަސައްކަތް ކުރެ އެވެ. މިފަދަ އެއް ޒުވާނަކީ ޅ. ނައިފަރު، އައިޝަތު ނިއުމާ އެވެ. އޭނަ މި ފެކްޓްރީގައި މަސައްކަތް ކުރާތާ އަދިވީ އެންމެ ހަ މަހެވެ. ނަމަވެސް އޭނާ ހުރީ އުންމީދުން ފުރިފަ އެވެ.

ނިއުމާ ބުނީ މި ދާއިރާ އަށް ނުކުތީ ރަށާ ކައިރިވުމުން ކަމަށާއި ވަޒީފާއަށް ނުކުތްއިރު "އެއްވެސް އެއްޗެއް" ނޭނގޭ ކަމަށެވެ.

"މިތަނުން ދަސްކުރީ. މިހާރު ފެކްޓްރީގައި މަސް ސާފު ވެސް ކުރަން. ރިކަވަރީ ވެސް ޖަހަން (ސާފުކުރާ މަސްތަކުގެ ތެރެއިން ހުދުމަސް ކޮޅު ހޮވަން) ޖެހޭ. މިގޮތަށް ހޮވުމުން ޕްލަސް ޕޮއިންޓް ލިބޭ،" ނިއުމާ ބުންޏެވެ.

މި ތަނުގައި މަސައްކަތްކުރާ ޅ. ހިންނަވަރު އައިމިނަތު ޝިފްޒާ ބުނީ މި މަސައްކަތަކީ ބުރަ މަސައްކަތެއް ކަމަށާއި، އެކަމަކު ފެލިވަރުގައި މަސައްކަތް ކުރަނީ ނިކަން ކަމާވެގެން ކަމަށެވެ.

"އާއްމުކޮށް އަށް ގަޑިއިރުން މަސައްކަތް ނިމޭ. އެކަމަކު މީގައި އޮންނަނީ މަސް ލިބޭ ގޮތަކުން. ބައެއް ފަހަރު ރޭގަނޑުގެ ކެއުން ނިމާލާފައި ވެސް ދާން ޖެހޭ. އެކަމަކު އޯޓީ ލިބޭނެ. އެގޮތަށް ބައެއް ފަހަރު ވަރަށް ބިޒީ،" ފެލިވަރުގައި އުޅޭތާ ހަ އަހަރުވެފައިވާ ޝިފްޒާ ބުންޏެވެ.

އޭނާ ބުނީ ފެލިވަރުގައި މަސައްކަތްކުރަނީ މި ދާއިރާގައި އުޅޭ ހިތުން ކަމަށެވެ.

"މިއީ ވަރަށް ހެލްޕް ފުލް ވަޒީފާއެއް. މިސާލަކަށް މަސައްކަތަށް ނުކުންނައިރު އިނގިލި ކަނޑައިގެން ގޮސްފަ ހުރީ. އެހެންވެއްޖެނަމަ ދެން އެ މީހުން ލާނެ އެހެންތަނަކަށް. މިގޮތަށް ވަރަށް ރަނގަޅު ވާނެ،" ޝިފްޒާ ބުންޏެވެ.

ފެލިވަރުގައި މިފަދަ އެތަށް ދިވެހި އަންހެނުންނެއް މަސައްކަތް ކުރެ އެވެ. އެ މީހުންގެ މިހާރުގެ އުންމީދަކީ ފެކްޓްރީގެ ތަރައްގީއަށް މިހާރު ކުރާ މަސައްކަތް އަވަހަށް ނިންމާލުމެވެ. މި މަސައްކަތް ނިމުމުން އިތުރު ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށް ފެލިވަރު ހިންގާ ކުންފުނި، މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް ވިދާޅުވި އެވެ.

ފެލިވަރުގައި ހުންނަވައިގެން "އަވަސް" އަށް އިންޓަވިއު ދެއްވަމުން މެނޭޖިން ޑިރެކްޓަރު އަދްލީ ވިދާޅުވީ ފެލިވަރު އެކްސްޕެންޝަން ނިމުމުން ވަރަށް ބައިވަރު އާ ވަޒީފާ އުފެދިގެންދާނެ ކަމަށާ މިއީ ދިވެހިންނަށް "ރަނުގެ ފުރުސަތެއް ކަމަށެވެ"

"ޓާގެޓަކީ މި އަހަރުގެ އޮގަސްޓް ނިމެންވާއިރަށް އަޕްގްރޭޑިން ނިންމާލުން. މި މަސައްކަތް ނިމިގެން ދާއިރު 240 އާ ވަޒީފާ އިތުރު ވެގެން ދާނެ. ރޯދަ މަސް ނިންމާފަ އަޅުގަނޑުމެން ޕްރޮމޯޝަނަލް މަސައްކަތް ތަކެއް ފަށާނަން މި ހިސާބުން (ޅ. އަތޮޅާއި ނ. އަތޮޅު) ން ދިވެހިން ހޯދަން. ކޭނަރީ ފްލޯގައި މަސް ސާފު ކުރަން މި ބޭނުންވަނީ އަންހެން ކުދިން. މިއީ ރަނުގެ ފުރުސަތެއް،" އަދްލީ ވިދާޅުވި އެވެ.

ފެލިވަރުގައި މިހާރު މަސައްކަތްކުރާ އަންހެން މުވައްޒަފުން ދެކެން ބޭނުންވާ ދުވަހަކީ ފެލިވަރު އަޕްގްރޭޑިން ނިމޭއިރު ހުޅުވިގެންދާ ވަޒީފާގެ އާ ފުރުސަތު ތަކަށް ދިވެހިން ނުކުތުމެވެ. އަދި މިތަނުގައި ތިބި ބިދޭސީންގެ ބަދަލުގައި ދިވެހިން ވަޒީފާ އަދާކުރާ ތަނަކަށް ހެދުމެވެ. މި ތަނުގައި ބަންދުކުރާ ފަސްމީރު މަސް ދަޅުތައް މީރު ކުރުމުގައި ހުސް ދިވެހިން ތިބުމެވެ.