ދުނިޔެ

ޔޫރަޕަށް ގޮންޖަހަމުން އެހީގެ ޕްރޮގްރާމަށް ގްރީސް އިން ދެކޮޅު ހަދައިފި، އެކަމަކު ކުރިމަގު ބަނަ

Jul 6, 2015

އިގްތިސާދީ މައްސަލަތަކެއްގެ ތެރޭގައި އޮތް ގްރީސް އަށް ބޭރުގެ ފަރާތްތަކުން ދެމުން ގެންދިޔަ އެހީގެ ޕްރޮގްރާމަށް ތާއީދު ނުކުރާ ކަމަށް އެ ގައުމުގެ ރައްޔިތުން މިއަދު ބުނެފި އެވެ.

އެ ޕްރޮގްރާމާ މެދު އިއްޔެ ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ ދައްކާ ގޮތުން 61.3 ޕަސެންޓް މީހުން ވަނީ އެ ޕްރޮގްރާމަށް ނޫނެކޭ ބުނެފަ އެވެ. ވޯޓު ލެވޭ އާބާދީގެ 63 ޕަސެންޓް މީހުން ބަައިވެރިވި އެ ވޯޓުގައި އެހީގެ ޕްރޮގްރާމް ކުރިއަށް ގެންދަން ފެންނަ ކަމަށް ބުނެފައި ވަނީ އެންމެ 38.7 ޕަސެންޓް މީހުންނެވެ.

އެކަމަު، ޔޫރަޕްގެ ބައެއް ގައުމުތަކުގެ އިސް އޮފިޝަލުން ވަނީ މަޝްވަރާތައް އަލުން ފެށުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި އިޓަލީގެ ފޮރިން މިނިސްޓަރާއި ބެލްޖިއަމްގެ ފިނޭންސް މިނިސްޓަރު ހިމެނިވަޑައިގަންނަވަ އެވެ.

ޔޫރަޕްގެ ބޮޑެތި ބާރުތަކުގެ ހުށަހެޅުމަށް ގްރީސްގެ ރައްޔިތުން ދެކޮޅު ހަދާފައި ވާއިރު، ޔޫރޯޒޯންގެ އެންމެ ބޮޑު ދެ ބާރު ކަމަށްވާ ޖަރުމަނާއި ފްރާންސްގެ ވެރިން މިއަދު ޕެރިހުގައި ބައްދަލުކުރައްވާނެ އެވެ. އަދި ގްރީސްގެ ވޯޓުގެ ނަތީޖާ އަށް ފަހު އަމަލުކުރާނެ ގޮތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޔޫރަޕްގެ ގައުމުތަކުގެ އެންމެ އިސް ވެރިންގެ ކުއްލި ބައްދަލުވުމެއް މާދަމާ ބާއްވަން ވަަނީ ނިންމާފަ އެވެ. މީގެ އިތުރުން، ގްރީސް އަށް އެހީ ދިން އެއް ފަރާތް ކަމަށްވާ، ޔޫރަޕިއަން ކޮމިޝަންގެ ވެރިޔާ ޖީން ކްލައުޑޭ ޖަންކާ ވަނީ ޔޫރަޕްގެ އިސް އޮފިޝަލުންގެ އިތުރުން ޔޫރަޕިއަން ސެންޓްރަލް ބޭންކް (އީސީބީ)ގެ އިސް ވެރިންނާ އެކު ކޮންފަރެންސް ކޯލެއް ބާއްވަވާފަ އެވެ.

މި ވޯޓު ނަގާފައި މިވަނީ ގްރީސް ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި ވަނިކޮށެވެ. އަދި އެ ކަމުގެ އަސަރު އާއްމު ރައްޔިތުންގެ ދިރިއުޅުމަށް އިންތިހާ އަށް ކުރަން ފަށާފައި ވެސް ވަނިކޮށެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަށް ދައްކަންޖެހޭ 1.6 ބިލިއަން ޔޫރޯގެ ލޯނު ދައްކަން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ކަނޑައަޅާފައި އޮތް ސުންގަޑި ހަމަވިއިރު އެ ލޯން ނުދެއްކި، ގްރީސް ވަނީ ދަރަނިވެރިވެފަ އެވެ. އެއާ އެކު، ޔޫރަޕުން ވަނީ އަންގާރަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވި އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރަން ދެކޮޅު ހަދާފަ އެވެ.

ފައިސާ ނަގަން ގޮސް ތިބި އެތައް ހާސް ބައެއްގެ ދިގު ކިއޫތަކުން މިދިޔަ ހަފުތާއެއްހާ ދުވަހު ތޮއްޖެހިފައި އޮތް ގްރީސްގެ ބޭންކުތަކުން އާއްމުންނަށް ފައިސާ ދޫކުރަމުން ދަނީ އީސީބީން ދެމުންދާ އިމަޖެންސީ އެހީގެ ތެރެއިންނެވެ. އެކަމަކު، އެ އެހީ ދެން ނުލިބޭނެތީ ފައިސާ ނަގަން ބޭނުންވާ މީހުންނަށް ފައިސާ ދޫކުރެވޭނެ އިތުރު ގޮތެއް ނޯންނާނެ އެވެ. އެހެންވެ، ބޭންކުތައް ބަނގުރޫޓުވެ، ބައެއް ބޭންކުތައް ދާއިމީކޮށް ބަންދުކުރަން ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

އިމަޖެންސީ އެހީ އިތުރު ނުކުރަން އީސީބީން ނިންމުމާ އެކު އެ ގައުމުގެ ބޭންކުތަކާއި ހިއްސާގެ ބާޒާރު ވަގުތީ ގޮތުން ބަންދުކޮށް، ގައުމުން ފައިސާ ބޭރުކުރުން ވެސް ވަނީ ހުއްޓާލާފަ އެވެ. އަދި އަމިއްލަ ބޭންކް އެކައުންޓުން ދުވާލަކު މީހަކަށް ނެގޭނީ ގިނަވަގެން 60 ޔޫރޯ ކަމަށާއި ކޮންމެހެން ބޭނުންވެގެން ނޫން ގޮތަކަށް، ހުއްދަ ލިބިގެން ނޫނީ ގައުމުން ބޭރަށް ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ގޮތަށް ވެސް ހަދާފަ އެވެ.

އެހެން ނަމަވެސް، ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އަށް ފަހު ގްރީސްގެ ފިނޭންސް މިނިސްޓަރު ޔާނީސް ވަރޯފާކިސް ވިދާޅުވީ މާދަމާ ބޭންކުތައް އަލުން ހުޅުވާނެ ކަމަށެވެ. އޭނާ ގެންދަވަނީ ގްރީސްގެ ބޮޑެތި ބޭންކުތަކުގެ އެންމެ އިސް ވެރިންނާ މިއަދުގެ ވަގުތެއްގައި ބައްދަލުކުރެއްވުމަށް ތައްޔާރުވެވަޑައިގަންނަވަމުންނެވެ.

އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރަން ޔޫރަޕިއަން ކޮމިޝަނާއި އައިއެމްއެފް އަދި އީސީބީން ދެކޮޅު ހެދީ އެ ފަރާތްތަކުން ގްރީސް އަށް ކުރިމަތިކުރާ ބައެއް ޝަރުތުތަކަށް ދޫ ދޭން، ޖެނުއަރީ މަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ވެރިކަމަށް އައި ވާތު ފިޔައިގެ ސަރުކާރުން ބޭނުން ނުވުމުންނެވެ. އޭގެ ތެރޭގައި ބަޖެޓުން ފައިސާ އުނިކުރުމާއި ޕެންޝަން ކުޑަކޮށް، ޖީއެސްޓީ ބޮޑުކުރުމުގެ އިތުރަށް އާއްމުންނަށް ދެމުންދާ ބައެއް ކަހަލަ މާލީ އިނާޔަތްތައް ހުއްޓާލުން ހިމެނެ އެވެ.

ގްރީސްގެ ދަރަނި ވަނީ 320 ބިލިއަން ޔޫރޯ އަށް އަރައިފަ އެެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) މެދުވެރިވެގެން، އީސީބީ އާއި ޔޫރަޕިއަން ކޮމިޝަން އަދި އައިއެމްއެފުން އަންނަނީ 2010 ވަނަ އަހަރުން ފެށިގެން ގްރީސް އަށް މާލީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ގްރީސް އަށް ފައިސާ ލިބެމުން ދިޔަ ހަމައެކަނި ގޮތް ބަންދުވުމުގެ އިތުރަށް، އައިއެމްއެފް އަށް ދަރާފައި ވާއިރު، ގްރީސް އިން ޔޫރޯ ބޭނުން ކުރުން ހުއްޓާލަން މަޖުބޫރުވާނެކަން މިހާރު ވަނީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ. އެހެން ވެއްޖެ ނަމަ، ގްރީސް އަށް ޖެހޭނީ އަމިއްލަ ފައިސާއެއް ޖަހާށެވެ. އެކަމަކު، އެ ހާލަތަށް ހިނގައްޖެ ނަމަ ގްރީސްގެ އިގްތިސާދު މެނޭޖްކުރެވިދާނެތޯ ސުވާލު އުފެދެ އެވެ. އަދި އެފަދަ ހާލަތެއްގައި މުޅި ޔޫރޯޒޯނަށް ކުރާނެ އަސަރުތަކާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.