ދުނިޔެ

ބޯކޯ ހަރާމްގެ ހަމަލާތައް ވަރުގަދަކޮށްފި، ހަފުތާއެއް ތެރޭ 200 އަށް ވުރެ ގިނަ މަރު

Jul 6, 2015

ނައިޖީރިއާގެ ހައްދު ފަހަނަޅާފައިވާ ގްރޫޕް ބޯކޯ ހަރާމް އިން މިދިޔަ އެއް ހަފުތާ ތެރޭގައި ނައިޖީރިއާގެ އެކި ކަންކޮޅުތަކުގައި ވަރުގަދަ ހަމަލާތަކެއް ދީ، 200 އަށް ވުރެ ގިނަ މީހުން މަރާލައިފި އެވެ.

މިދިޔަ ހަފުތާ ތެރޭގައި ބޯކޯ ހަރާމް އިން ވަނީ ނައިޖީރީގައި ވަރުގަދަ ފަސް ހަމަލާއެއް ދީފަ އެވެ. އެންމެ ފަހުން އިއްޔެ ހަމަލާއެއް ދީފައި ވަނީ އެ ގައުމުގެ އިރުއުތުރުގައި އޮންނަ ޔޯބޭ ސްޓޭޓުގެ ޕޮޓިސްކަމް އަވަށުގައި ހުންނަ ކްރިސްޓިއަން ދީނުގެ ފައްޅިއަކަަށެވެ. ޖާނުން ފިދާވެގެން ދިން އެ ހަމަލާގައި އަޅުކަން ކުރަން އެ ފައްޅި އަށް ވަންނަން ދިޔަ ހަ މީހަކު މަރުވެފައިވެ އެވެ. އޭގެ ތެރޭގައި އަންހެނަކާއި އޭނާގެ ދެ ދަރިންގެ އިތުރުން ފައްޅީގެ އިސް ފާދިރީ ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ބޯކޯ ހަރާމް އިން ވަނީ ނައިޖީރިއާގައި ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އެ ގޮތުން، މޮންގޫނާ ސަހަރު ކައިރީގައި ބޯކޯ ހަރާމްގެ ހަނގުރާމަވެރިއަކު ވަނީ މިސްކިތެއްގެ ތެރޭގައި ބަޑި ޖަހައި 48 މީހަކު މިދިޔަ އަންގާރަ ދުވަހު މަރާލާފަ އެވެ. ޖެހިގެން އައި ބުދަ ދުވަހު، ނައިޖީރިއާ އާއި ޗާޑު ގުޅޭ ބޯޑަރުގައި އޮންނަ ލޭކް ޗާޑު ފެންގަނޑު ކައިރީގައި އޮންނަ ކުކާވާ އަވަށުގައި 50 އަށް ވުރެ ގިނަ ހަނގުރާމަވެރިން ބައިވެރިވެގެން ދިން ހަމަލާއެއްގައި 97 މީހަކު މަރާލާފައިވެ އެވެ. ބުރާސްފަތި ދުވަހު ބޯނޯ ސްޓޭޓުގެ އަވަށަކަށް ޖާނުން ފިދާވެގެން ބޮމުގެ ހަމަލާއެއް ދީފައި ވަނީ ދެ އަންހެން ހަނގުރާމަވެރިންނެވެ. އަދި ޒަބަރުމާރީ އަވަށުގެ އެކި ސަރަހައްދުތަކުގައި ދިން ޖާނުން ފިދާވުމުގެ ހަމަލާތަކެއްގައި ގިނަ އަދަދެއްގެ މީހުން މިދިޔަ ހުކުރު ދުވަހު މަރާލާފައިވެ އެވެ.

މި ހަމަލާތަކުގައި މަރުވި އާއްމުންގެ ޖުމްލަ އަދަދު 200 އަށް ވުރެ މައްޗަށް އަރަ އެވެ.

ނައިޖީރިއާގެ އާ ރައީސް މުހައްމަދު އަލް ބުހާރީ ވަނީ މި ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވާފަ އެވެ.

ބޯކޯ ހަރާމް އިން ވަނީ ނައިޖީރިއާގެ އިރުއުތުރުގެ ގިނަ ސަރަހައްދުތަކެއް މިދިޔަ އަހަރު ހިފައި އެ ހިސާބުގައި "އިސްލާމީ ހިލާފަތެއް" ގާއިމްކޮށްފަ އެވެ. އެކަމަކު، ފާއިތުވެ ދިޔަ ދުވަސްތަކުގައި ނައިޖީރިއާގެ އަސްކަރިއްޔާ އިން ވަނީ، އަވަށްޓެރި ގައުމުތަކުގެ އެހީއާ އެކު، އެ ސަރަހައްދުތައް އަލުން ހިފާފަ އެވެ. މީގެ އިތުރުން، ބޯކޯ ހަރާމްއާ ދެކޮޅަށް އެފްރިކާގެ ގައުމުތަކުން ގުޅިފައިވާ ފައުޖެއް އެކުލަވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އެމްނެސްޓީ އިންޓަނޭޝަލް އިން ބުނާ ގޮތުން ބޯކޯ ހަރާމްގެ ލާ އިންސާނީ އަމަލުތައް 2009 ގައި ފެށި ފަހުން މިހާތަނަށް 17،000 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ އާއްމުންނެވެ. މީގެ އިތުރުން، ބޯކޯ ހަރާމް އިން ވޭތުވެދިޔަ އަހަރުތަކުގައި ވަނީ އެތައް ސަތޭކަ އަންހެން ކުދިންނާއި އަންހެނުން ރަހީނު ވެސް ކޮށްފަ އެވެ.