އެކްސިޑެންޓް

އިމާރާތަކުން ވެއްޓުނު ބާލިދީއަކުން ޖެހި އަންހެނަކަށް އަނިޔާވެއްޖެ

މާވެޔޮ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ބާލިދީއަކުން ޖެހި މީހަކަށް އަނިޔާވެއްޖެ އެވެ. އެ ބާލިދީ ޖެހިފައިވަނީ އެމީހާގެ މޭ މަތީގަ އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 1:50 ހާއިރު ބާލިދީ ވެއްޓުމުގެ ސަބަބުން އަނިޔާވެފައިވަނީ 28 އަހަރުގެ އަންހެނަކަށް ކަމަށެވެ. އެ އަންހެން މީހާއަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ހައުސިން މިނިސްޓްރީއަށާއި މާލޭ ސިޓީ ކައުންސިލަށް އަންގެމުން އެފަރާތްތަކުން އެ ކޮންސްޓްރަކްޝަން ސައިޓުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްގީކުރަމުންދާ ސީޕްލޭން ޓާމިނަލްގައި ކުލަ ލުމުގެ މަސައްކަތުގައި އުޅުނު ދެ ބިދޭސީއަކު ވެއްޓި ވަނީ އަނިޔާވެފަ އެވެ.