ސްޕޯޓްސް ޓޫރިޒަމް އިޝްތިހާރު ކުރަން ރާއްޖޭގެ ދެކުނުން އުތުރަށް ބާއްވާ ރާޅު ގުޑި އިވެންޓް "ރާޅު ގުޑި ދެކުނުން އުތުރަށް" އަކީ މި އަހަރަށް އިންތިޒާރު ކުރެވޭނެ އެންމެ ވަރުގަދަ ބޮޑު އިވެންޓެވެ. ބޮޑު އީދެކެވެ. އެ އީދުގައި ކޮންމެ ރަށަކަށް ވެސް އެ ރަށެއްގެ ތަފާތުކަން ދައްކާލުމުގެ މަގު ތަނަވަސްވާނެ އެވެ. އެހެންވީއިރު މި ދަތުރުގައި ތިޔަ ރަށް އެބަ އޮތްތޯ އެވެ؟
އައްޑޫ ސިޓީ، ގަމުން ހއ. ތުރާކުނާ ހަަމައަށް ކުރާ މި ދަތުރަކީ ސްލޯޓޭޕާއި މާފުށި ޑައިވް ގުޅިގެން އުފައްދާފައިވާ "ރާޅުގުޑި" ން އިންތިޒާމް ކުރާ ދަތުރެކެވެ. ގުޑި އަރުވާ ހިތްވާ ޒުވާނުންތަކަކާއި ވީޑިއޯ ހެދުމަށް ކުޅަދާނަ ޒުވާނުންތަކެއްގެ ފޯރިގަދަ، ޝައުގުވެރި ދަތުރެކެވެ. ފަނަރަ ދުވަހަށް ދިގު ދެމިގެންދާ މި ދަތުރުގައި ކައިޓް ސާފް ކުރާނީ ހަތަރު އެޓްލީޓެކެވެ. އެއީ ރާއްޖެއިން ބޭރުގެ އެޓްލީޓަކާއި ދިވެހި ތިން އެޓްލީޓެކެވެ. ދިވެހި ތިން އެޓްލީޓުންނަކީ ސިންބެ، ހަމްބެ އަދި ޑެލިއޯ އެވެ.
ހަތަރު އެޓްލީޓުން މުޅި ދަތުރުގައި ބައިވެރިވިޔަސް ކޮންމެ އަތޮޅަކުން ވެސް އެ އަތޮޅެއްގައި ކައިޓް ސާފް ކުރާ އެޓްލީޓުން ދަތުރާ ގުޅޭނެ އެވެ. އެޓްލީޓުންގެ އިތުރުން މި ދަތުރުގައި ދިވެހި މީޑިއާ އާއި ލިޔުންތެރިންނާއި ބޭރުގެ ލިޔުންތެރިއެއް ހަރަކާތްތެރިވާނެ އެވެ.
އެނގޭތަ؟ ރަށް މަޝްހޫރު ކޮށްލެވޭނެ!
މި ދަތުރުގައި ޖުމްލަ 12 ރަށެއްގައި އެޓްލީޓުން މަޑު ކުރާނެ އެވެ. އެއަށްވުރެ އިތުރަށް ވެސް ރަށްރަށަށް އަރާނެ އެވެ. އެ ރަށްތައް އަދި މުޅިން ފައިނަލެއް ނުވެ އެވެ. އެކަމަކު، އެޓްލީޓުން އަރަން ބޭނުންވާނަމަ އެކަމަށް އެދުމުގެ ފުރުސަތު ހުރިހާ ރަށަކަށް ވެސް ވަނީ ހުޅުވާލާފަ އެވެ.
"ރާޅުގުޑި"އިން ބޭނުން ވަނީ މި ދަތުރުގެ އެހީގައި ރާއްޖޭގެ ރަށްރަށުގެ ސަގާފަތާއި ރަށްރަށުގެ ތަފާތުކަން ވެސް ދައްކާލުމަށެވެ. އެކަމަށް ރަށްރަށުގެ ކައުންސިލްތަކާއި ގެސްޓްހައުސްތަކުގެ އެހީ ވެސް ބޭނުންވެ އެވެ. ރަށް މަޝްހޫރުކޮށްލެއްވިއްޖެނަމަ، އެ ރަށެއްގެ ލޯކަލް ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް އަންނާނެ އެވެ.
ބޭރުގެ ލިޔުންތެރިއަކާއި މީޑިއާ ވެސް ބައިވެރިވާ މި ދަތުރުގައި ތަފާތު ދައްކާލައި ރަށަށް ސަމާލުކަން ދަމައިގަތުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށް ވެސް އެވަނީ ހުޅުވިފަ އެވެ. ރާޅުގުޑީގެ ޓްވިޓާ ނޫނީ ފޭސްބުކް މެދުވެރިކޮށް ރަށްރަށް ޝައުގިވެރިކަން ފާޅު ކުރެވޭނެ އެވެ.
ޕްލާސްޓިކާ ދެކޮޅަށް ކެމްޕެއިން
ސްޕޯޓްސް ޓޫރިޒަމް އިޝްތިހާރު ކުރުމުގެ އިތުރަށް މި ދަތުރުގައި ޕްލާސްޓިކާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރާނެ އެވެ. ޕްލާސްޓިކަކީ ގުދުރަތީ ރީތިކަމަށް އެޅިފައިވާ ބޮޑު ހުރަހެކެވެ. ދަތުރުގެ އެޓްލީޓުން ވަނީ ކޮންމެ އަތޮޅެއްގެ ކަނޑުން ވެސް ކުނި ހޮވަން ނިންމާފަ އެވެ. އަަދި އެ ކުނިތައް އެއްކުރުމަށްފަހު ބަރުދަން ބަލާނެ އެވެ. ހޮވާ ކުނިތައް ހަވާލުކުރާނީ ޕާލޭއާ އެވެ.
ދަތުރުގައި މަޑުކުރާ ރަށްތަކުގެ ގޮނޑޮދޮށް ސާފުކުރުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދަން ވަނީ ރާވަފަ އެވެ. އެކަމުގައި ރައްޔިތުންގެ ބައިވެރިވުމަށް މި އެޓްލީޓުން ވަރަށް ބޮޑަށް އެދެ އެވެ. ހަމައެހެން ދަތުރުގައި ބައެއް ފިނޮޅުތަކަށް މަޑުކޮށް އެ ތަންތަން ވެސް ސާފުކުރަން ވަނީ ނިންމާފަ އެވެ.
ސްޕޮންސާ ކުރަން މިއީ ރަނުގެ ފުރުސަތެއް
މި ދަތުރު ސްޕޮންސާ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. މުޅި ރާއްޖޭގެ ސަމާލުކަން ލިބިފައިވާ މި އިވެންޓް ސްޕޮންސާ ކުރަން ބޭނުންވާ ފަރާތަކަށް ރާޅުގުޑީގެ ވެބްސައިޓުން ޕްރޮޕޯސަލް ފެންނަން ހުންނާނެ އެވެ.
މި ބޮޑު ދަތުރުގައި ބޭނުންވާާ ކައިޓްތަކަކީ މިކަމަށް ހާއްސަ ކައިޓްތަކެކެވެ. ކައިޓްތައް ހަދާފައިވަނީ ދިވެހި ދިދަ ބޭނުންކޮށްގެންނެވެ. މިކަމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭއަށް ބޭރުގެ ސަމާލުކަން ވެސް ދަމައިގަތުމެވެ. ސްޕޯޓްސް ޓޫރިޒަމަށް ބޮޑު އިންގިލާބެއް ގެނައުމެވެ.
ދަތުރުން ލިބޭ ސަމާލުކަމާއެކު، ރާޅުގުޑީގެ އެންމެ ބޮޑު އަމާޒަކީ ކައިޓް ސްކޫލެއް ރާއްޖޭގައި ގާއިމް ކުރުމެވެ. އަދި އިންޓަނޭޝަނަލް ބްރޭންޑަކަށް ރާޅުގުޑިވުމެވެ.
ރާޅުގުޑި އުފެދިގެން ދިޔައީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. މިހާތަނަށް ރާޅުގުޑީގެ ތަފާތު އިވެންޓްތައް ބާއްވާާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އިވެންޓަކީ ވިލިމާލެއިން މާފުއްޓަށް ކައިޓްގައި މިދިޔަ އަހަރު ކުރި ދަތުރެވެ. މުޅި ރާއްޖޭގައި ކުރާ ދަތުރަށް ހިޔާލު އައީ ވެސް އެ ދަތުރަށްފަހު އެވެ.