ވިޔަފާރި

އަނަންތާރާ އިން މޮރިޝަސްގައި ފުރަތަމަ ރިސޯޓު ހުޅުވަނީ

Mar 5, 2019

ރާއްޖޭގައި ރިސޯޓް ހިންގާ އަނަންތާރާ ކުންފުނިން މޮރިޝަސްގައި އެ ކުންފުނީގެ ފުރަތަމަ ރިސޯޓު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ލަގްޒަރީ ޓްރެވަލް އެޑްވައިޒާގައިވާ ގޮތުން މޮރިޝަސް ކުންފުނިން ތަރައްގީ ކުރާ މި ރިސޯޓު ހުޅުވާނީ މި އަހަރުގެ ފަހު ކޮޅެވެ. މި ރިސޯޓު ވެގެންދާނީ އަނަންތާރާ ކުންފުނިން މޮރިޝަސްގައި ހުޅުވާ މި ބްރޭންޑުގެ ފުރަތަމަ ރިސޯޓަށެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި ރިސޯޓު ތަރައްގީ ކުރާ މޮރިޝަސްގެ ބްލޫބޭ މެރީނާ ޕާކް ސަރަހައްދުގައި ތަރައްގީ ކުރާ މި ރިސޯޓުގައި 164 ކޮޓަރި އާއި 100 ފޫޓުގެ ދިގު ސުވިމިން ޕޫލް އަކާއި ކިޑްސް ކްލަބެއް ވެސް ހުންނާނެ އެވެ.

ތައިލެންޑުގެ އެންމެ މަޝްހޫރު އެއް ރިސޯޓު ބްރޭންޑު ކަމަށްވާ އަނަންތާރާ ކުންފުނިން ރާއްޖޭގައި ހަތަރު ރިސޯޓެއް ހިންގަ އެވެ. އެ ކުންފުނިން ރާއްޖޭގައި ހިންގަނީ ދިގުރަށް ރިސޯޓާއި ކިހަވަށް ވިލާ އަދި ނަލަދޫ ޕްރައިވެޓް އައިލެންޑުގެ އިތުރުން ވެލި ރިސޯޓާއި ނިޔާމަ ޕްރައިވެޓް އައިލެންޑެވެ.