ހަބަރު

އުމުރާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދާތާ ތިން ދުވަސް

Jul 6, 2015

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމުރާއަށް ދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އޭނާ ގެއްލުނު ފަހުން މިހާރު ވަނީ ތިން ދުވަސްވެފަ އެވެ.

ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ، ބާރަށަށް ނިސްބަތްވާ 75 އަހަރުގެ އަލީ މުހައްމަދު ގެއްލިފައި ވަނީ ހަރަމްފުޅަށް މިދިޔަ ހުކުރު ދުވަހު ހުކުރު ނަމާދަށް ދިޔުމަށް ފަހު އަންހެނުންނާ އެކު ހޮޓަލަށް އައި މަގުމަތީގައި ކަމަށެވެ. އަދި ހައްޖު ކޯޕަރޭޝަނުން ދީފައިވާ ކާކުކަން އަންގައިދޭ ކާޑު އަޅައިގެން ދިޔުމަށް އެދިފައިވީ ނަމަވެސް، އަލީ މުހައްމަދު ހަރަމްފުޅަށް ދިޔައީ ކާޑު ނުލައި ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

"އެ ދުވަހަކީ ހަރަމްފުޅުގައި ވަރަށް ބާރު ވެސް ބޮޑު ދުވަހެއް. އޭނާ ފޯނު ވެސް ނުގެންދާ ކަމަށް ވަނީ. އޭނާ ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް މި އަންނަނީ ކުރަމުން. އެކަމަކު މީގައި އެންމެ ދެރަކަމަކީ ކާޑު ވެސް ނުގެންދާތީ،" އޮފިޝަލް ވިދާޅުވި އެވެ.

އަލީ އިބްރާހިމް ގެއްލުނު އިރު ކައިރީގައި ހުރި އޭނާގެ އަންހެނުން ވެސް އެކަން ހައްޖު ކޯޕަރޭޝަންގެ އޮފިޝަލުންނަށް ރިޕޯޓްކޮށްފައި ނުވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އޮފިޝަލް ވިދާޅުވި މުހައްމަދު ގެއްލުނު ކަން އެނގުނީ ވެސް، އިއްޔެ މަދީނާއަށް ދިޔުމަށް މީހުން ބަހަށް އެރި ވަގުތު މީހަކު މަދުވެގެން އެކަން ބެލުމުން ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން 331 މީހަކު މިއަހަރު ވަނީ އުމުރާއަށް ގޮސްފަ އެވެ.