ހަބަރު

ކޮންޓެއިނަރު އުފުލާ ވެހިކަލް އިން ޖެހުނު މީހާގެ މޭކަށިގަނޑު ވަނީ ބިނދިފައި: އައިޖީއެމްއެޗް

Jul 6, 2015
1

މޯލްޑިވްސް ޕޯޓްސް ލިމިޓެޓް (އެމްޕީއެލް)ގެ ވިޔަފާރި ބަނދަރުގައި ރޭ ކޮންޓެއިނަރު އުފުލާ ވެހިކަލަކުން ޖެހި އަނިޔާވި މީހާގެ މޭ ކަށިގަނޑު ވަނީ ބިނދިފައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ. 

ރޭ ދަންވަރު ހިނގި އެ ހާދިސާޔާ ގުޅޭ ގޮތުން އެމްޕީއެލްއިން ބުނެފައި ވަނީ އުމުރުން 68 އަހަރުގެ ދިވެއްސަކު ޒަހަމްވީ ކޮންޓެއިނަރު އުފުލާ ވެހިކަލްގެ ދަށަށް އޭނާ ވަދެގެން އުޅެނިކޮށް ކަމަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވީ މީހާގެ މޭކަށިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު އެކި ތަންތަނަށް އެހެން ވެސް އަނިޔާ ލިބިފައިވާ ކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ. އޭގެ ތެރޭގައި ބައެއް އިތުރު ތަންތަން ބިންދައިގެން ގޮސް ޒަހަމްތައް ވެސް ލިބިފައިވެ އެވެ. ނަމަވެސް އޭނާގެ ހާލަތު މިހާރު ރަނގަޅު ކަމަށް ވިދާޅުވި އެވެ.

އެމްޕީއެލްގައި މީގެ ދުވަސް ކޮޅެއް ކުރިން ވެސް ވަނީ އެތަނުގެ މުވައްޒަފެއްގެ އަތް މައްޗަށް ކޮންޓެއިނަރެއް ވެއްޓި އިނގިލިތައް ޗިސްޗިސްވެފަ އެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ހިނގި ހާދިސާއެއްގައި މުދާ އަރުވަން ބޯޓުގައި ހުރި ކެރޭންގެ ވާ ކަނޑައިގެން ގޮސް އެތަނުގެ ދެ މުވައްޒަފަކު މަރުވެފައިވެ އެވެ. އަދި އިތުރު މުވައްޒަފަކަށް ސީރިއަސް އަނިޔާތަކެއް ވެސް ވިޔެ އެވެ. އެކަމާ ގުޅިގެން އެކުލަވާލި ރިޕޯޓްގައި އެމްޕީއެލްގެ ބަނދަރުގައި ސަލާމަތްތެރިކަން ކަށަވަރު ކުރަން ގިނަ ކަންކަން ރަނގަޅު ކުރަން ލަފާދީފައިވެ އެވެ.