ހަބަރު

ރޭގެ އެކްސިޑެންޓްގައި އަތާއި ފައި ބިނދުނު ޒުވާނާގެ ހާލު މިހާރު ރަނގަޅު

Jul 6, 2015

ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗް އަށް ގެނައި ޒުވާނާގެ ހާލަތު މިހާރު ސްޓޭބަލް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު ހަބީބް މިއަދު ވިދާޅުވީ، އެ ޒުވާނާގެ ވާތު އަތާއި ވާތުފައި ވަނީ ބިނދިފައި ކަމަށެވެ. އޭގެ އިތުރުން އެހެން މައްސަލައެއް އޭނާގެ މިހާރު ނެތް ކަމަށް ޒީނަތު ވިދާޅުވި އެވެ. އޭނާ ރޭ ހުޅުމާލެ ހޮސްޕިޓަލަށް ގެނައި އިރު ވަނީ ހޭވެސް ނެތިފަ އެވެ. އަދި އެ ސައިކަލް ދުއްވަން އިން އޭނާގެ އެކުވެރިޔާ ވަނީ އެ އެކްސިޑެންޓްގައި މަރުވެފަ އެވެ. އޭނާ ވެސް ސަލާމަތްވީ ވަރަށް ހަނިގޮތަކަށެވެ.

އެ އެކްސިޑެންޓް ހިނގީ ރޭ 9:15 އެހާކަން ހާއިރު ހުޅުމާލޭގައި ފުލުހުންނަށް ފިލަންވެގެން ބާރުސްޕީޑް އެއްގައި ދުއްވާފައި ދިޔަ ސައިކަލް ކޮންޓްރޯލް ނުވެ، ކާރެއްގައި ޖެހިގެންނެވެ. މިއީ މި ރޯދަ މަހު ހުޅުމާލޭގައި މިގޮތަށް ހިނގި ފުރަތަމަ އެކްސިޑެންޓެވެ. އެ އެކްސިޑެންޓްގައި ކާރުގެ ވިންޑްޝީލްޑް ތަޅައިގެން ގޮސް ކާރުގެ އެއްފަޅި ވަނީ އެކީ ބަޑިވެފަ އެވެ. ނަމަވެސް ކާރު ދުއްވަން އިންމީހާއަށް އަނިޔާއެއް ނުވެ ސަލާމަތްވި އެވެ.