ހަބަރު

ޔާމީން އެކައުންޓް ފްރީޒްކުރި މައްސަލާގެ ހުކުމް މާދަމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ކުރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގެ އިސްތިއުނާފު މައްސަލާގެ ހުކުމް މާދަމާ އިއްވުމަށް ތާވަލުކޮށްފި އެވެ.

އެ މައްސަލާގައި އަޑުއެހުން މާދަމާ ހެނދުނަށް ތާވަލުކޮށްފަ އެވެ. މައްސަލާގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުންނެވެ.

އެކައުންޓް ފްރީޒް ކުރި މައްސަލާގައި ބޭއްވީ އެންމެ އަޑުއެހުމެކެވެ. އެ އަޑުއެހުމަށްފަހު ހައިކޯޓުން ބުނެފައިވަނީ އަޑުއެހުންތައް ނިންމާލާފައިވާ ކަމަށާއި ދެން މައްސަލާގައި އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. ސިއްރުން ކުރިއަށް ދިޔަ އަޑުއެހުމަކަށްވާތީ އަޑުއެހުމުގައި ދެކެވުނު ވާހަކައިގެ ތަފްސީލެއް ނުލިބެ އެވެ.

ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ ދަށުން ފްރީޒް ކުރި ރައީސް ޔާމީންގެ އެކައުންޓްތަކުގައި 100 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެކައުންޓްތައް ފްރީޒް ކުރި ފަހުން ރައީސް ޔާމީނާ ސުވާލުކުރުމަށް ފުލުހަށް ވެސް ވަނީ ހާޒިރުކޮށްފަ އެވެ. އަދި މިހާރު ވަނީ މަނީ ލޯންޑްރިންގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ބަންދު ވެސް ކޮށްފަ އެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ ރިޔާސީ ކެމްޕޭނަށް ލިބުނު ފައިސާ އެމަނިކުފާނުގެ ނަމުގައި ހުރި އެކައުންޓަކަށް ޖަމާވެފައިވާތީ އާއި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައި ވާތީ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ އެމަނިކުފާނުގެ ވަކީލް އާޒިމާ ޝަކޫރު އެ މައްސަލައާ ގުޅޭ ގޮތުން ވިދާޅުވެފައިވަނީ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި އެކަމުގައި ގާނޫނީ މައްސަލަތަކެއް ވެސް އެބަހުރި ކަމަށެވެ. އެ މައްސަލާގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ހެކިތަކަށް ބަލާއިރު އެ މައްސަލަ ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވި ގޮތުގައި އެކައުންޓްތައް ފްރީޒް ކުރި ކަމެއް އަދި ރަސްމީކޮށް ރައީސް ޔާމީނަށް ނާންގާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްއެެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުގައި ހަމައެކަނި ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށާއި އެކަމުން ދޭހަވަނީ އެއީ ސިޔާސީ މަގުސަދެއްގަ ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށް އާޒިމާ ވިދާޅުވި އެވެ.