އިންނަހުރާ

އަގު ހެޔޮ ރިސޯޓެއްގެ ގޮތުގައި އިންނަހުރާ ހުޅުވައިފި

Mar 7, 2019
9

ކްރައުން އެންޑް ޗަމްޕާ ކުންފުނިން އަގުހެޔޮ ރިސޯޓެއްގެ ގޮތުގައި ޅ. އިންނަހުރާ މޯލްޑިވްސް ހުޅުވައިފި އެވެ.

ރާއްޖޭގެ އެންމެ އަގު ބޮޑެތި ރިސޯޓުތައް ހިންގާ ކްރައުން އެންޑް ޗަމްޕާ ކުންފުނިން ހުޅުވި އިންނަހުރާ އެންމެ ބޮޑު އެއް ތަފާތަކީ އެ ކުންފުނީގެ އެހެން ރިސޯޓުތަކާ ހިލާފަށް މި ރިސޯޓުގެ ކޮޓަރިތައް މުޅީން ވެސް އެއްގަމުގައި ހަދާފައި ހުރުމެވެ. މި ރިސޯޓުގައި އެއްވެސް މޫދު ކޮޓަރިއެއް ނުހުރެ އެވެ.

އިންނަހުރާގެ ދެ ފަރާތުގައި ކޮޓަރިތައް ވަނީ އަތުރާފަ އެވެ. މި ރަށުގައި 78 ބީޗް ބަންގަލޯ ހުރެ އެވެ. މިގޮތުން މި ރިސޯޓުގައި އިރުއަރާ މަންޒަރު ފެންނަ ގޮތަށް އިރުމަތި ފަރާތުގައި 41 ކޮޓަރި އަދި އިރު އޮއްސޭ މަންޒަރު ފެންނަ ގޮތަށް ހުޅަނދު ފަރާތުގައި 33 ކޮޓަރި ހަދާފައި ވެއެވެ.

ކްރައުން އެންޑް ޗަމްޕާ ކުންފުނިން ބުނެފައިވާ ގޮތުގައި މި ރިސޯޓް ހާއްސަވަނީ އަގު ހެޔޮކޮށް ފުރިހަމަ ހިދުމަތްތަކެއް ލިބޭ ގޮތަށް ޗުއްޓީ ހޭދަކޮށްލަން އަންނަ ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް ހާއްސަ ތަނެއްގެ ގޮތުގަ އެވެ.

އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު މާޓިން ވޮސެން ވިދާޅުވީ މިތަނުގެ ޕެކޭޖުތައް ހަދާފައި ހުންނާނީ ހެޔޮ އަގުގައި ގަނެލެވޭ ގޮތަށް ކަމަށެވެ.

"ޕެކޭޖުގައި ގިނަ އެކްޓިވިޓީތަކެއް ހުންނާނެ. މި ޕެކޭޖުތައް ހަދާފައިވާނީ ގެސްޓުން ބޭނުންވެއްޖެ ހާލަތެއްގައި އެކްޓިވީޓީތައް އެޑްކޮށްލެވޭ ގޮތަށް،" މާޓިން ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ސީޕްލޭންގައި 40 މިނެޓުގެ ރާސްތާގައި އޮންނަ މި ރިސޯޓުގައި ސަންޑެކް ބާއަކާއި ލައިބްރަރީ އަދި ބުފޭ ރެސްޓޯރެންޓެއް ވެސް ހުރެ އެވެ. މީގެ އިތުރުން ސްޕާ އާއި މޫދު ކުޅިވަރުތައް ކުޅެވޭނެ ގޮތް ވެސް ހުރެ އެވެ.

ކްރައުން އެންޑް ޗަމްޕާ ކުންފުނިން ރާއްޖޭގައި ނުވަ ރިސޯޓެއް ހިންގަ އެވެ. އެ ކުންފުނިން ހިންގާ ރިސޯޓު ތަކަކީ މިފަހަރު ހުޅުވި އިންނަހުރާ އާއި ވިލަމެންދޫ އަދި މީރު އައިލެންޑް ރިސޯޓުގެ އިތުރުން މީރު ވެލިގަނޑު ރިސޯޓާއި ކޮމަންޑޫ އަދި ކުރެއްދޫ އާއި ކުޑަދޫ ޕްރައިވެޓް އައިލެންޑް އަދި ހުރަވަޅި މޯލްޑިވްސްގެ އިތުރުން މިރިހި އައިލެންޑް ރިސޯޓެވެ.