ހަބަރު

ދަރުބާރުގެ ނުލިބުމުން އުމަރުގެ ބޮޑު ހަރަކާތް ފަސްކޮށްފި

Mar 7, 2019
3

އިންޑިޔާގެ ހެލިކޮޕްޓަރުތަކާއި އެއާއެކު ރާއްޖޭގައި ތިބި ސިފައިން ރާއްޖެއިން ބޭރު ކުރަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ ރާވާ ހަރަކާތް ދަރުބާރުގެ ނުދިނުމުން ފަސްކޮށްފި އެވެ.

"އިންޑިއާ ސިފައިން ފައިބާ" ގެ ނަމުގައި ހިންގާ އެ ހަރަކާތް މާދަމާ ބައްވަން ރޭވި ނަމަވެސް، ފަސް ކުރީ ދަރުބާރުގޭގެ ހަކުރާ މާލަން ދޫނުކުރަން ނިންމުމުން ކަމަށް އުމަރު ފޭސްބުކް މެދުވެރިކޮށް ވިދާޅުވެފައިވެ އެވެ.

އެއާއެކު، އެ މާލަން ދޫނުކުރަން ނިންމާފައިވާ ކަމަށް އަންގައި، ޕްލޭނިންގް މިނިސްޓްރީ ދިން ސިޓީ އެއް ވެސް އުމަރު ވަނީ އާންމު ކުރައްވައިފަ އެވެ. އެ ސިޓީގައި ބުނެފައިވަނީ، މިނިސްޓްރީގެ "މުހިންމު ބޭނުމަކަށް" ހަކުރާ މާލަން ބޭނުން ކުރަންޖެހޭތީ އެތަން ދޫކުރެވެން ނެތް ކަމަށެވެ.

އުމަރު އިތުރަށް ވިދާޅުވި ގޮތުގައި، އެ އިވެންޓް ފަސް ކުރަން ޖެހުނީ ހަކުރާ މާލަން ނުދިނުމުން، ދައުލަތުގެ ބެލުމުގެ ދަށުގައިހުރި އެހެން ތަނެއް ހޯދަން ކުރި މަސައްކަތް ވެސް ނާކާމިޔާބު ވުމުން ކަމަށެވެ.

"ހަމަހަމަކަމާއެކު ދައުލަތުގެ ކަންކަންކުރިއަށް ގެންދަވާނެ ކަމަށް ވައުދުވީ ސަރުކާރުން، މިކަމަށް ހުރަސް އެޅުއްވީތީ ހިތާމަކުރަން،" އެ އިވެންޓު ދެން ބާއްވާނެ ތަނަކާއި ތާރީހެއް ފަހުން އިއުލާނު ކުރައްވާނެ ކަމަށް ހާމަ ކުރައްވަމުން އުމަރު ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު އުދުހެނީ ދިވެހި ސިފައިން ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގެއް ކަމަށް އުމަރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އަދި "ރާއްޖޭގައި ދެން އެންމެ ބޮޑު މުޒާހަރާއެއް" ބާއްވާނީ އެކަމާއި ދެކޮޅަށް ކަމަށް އޭނާ ވަނީ އިއުލާނު ކުރައްވައިފަ އެވެ.

މީގެ ކުރިން އެކި ފަހަރުމަތިން އާންމުވި މައުލޫމާތުތަކުން އެނގިފައިވާ ގޮތުގައި ކޮންމެ ހެލިކޮޕްޓަރަކާއެކު ޓެކްނީޝަނުންގެ ގޮތުގައި އިންޑިއާ ސިފައިންގެ ގިނަ ބަޔަކު ރާއްޖެ އައިސް ތިބޭތީ ރައީސް ޔާމީންގެ ސަރުކާރުން އެކަމާމެދު ކަންބޮޑުވި އެވެ.

އުމަރު ވިދާޅުވެފައި ވަނީ ހެލިކޮޕްޓަރާއެކު 40 އަށް ވުރެ ގިނަ އިންޑިޔާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށެވެ. އަދި ހެލިކޮޕްޓަރަށް ކޮމާންޑު ކުރަނީ އިންޑިޔާއިން ކަމަށާއި ހަދިޔާއެއް ވިޔަސް ދިވެހި ސިފައިންނަށް އެއްވެސް ބާރެއް ނުފޯރުވޭ ކަމަށެވެ.

އެ މައްސަލަތަކާ ހެދި ހެލިކޮޕްޓަރު އަނބުރާ ފޮނުވާލުމުގެ މަސައްކަތް އޭރުގެ ސަރުކާރުން ފެށި އެވެ. ނަމަވެސް އާ ސަރުކާރުން ހަވާލުވުމަށް ފަހު އިންޑިޔާއާ އެކު އޮތް އެއްބަސްވުން އާ ކުރުމަށް ފަހު އެ ހެލިކޮޕްޓަރު އަލު ދުއްވަން ވަނީ ފަށައިފަ އެވެ.

ރައީސް ސޯލިހު މިދިޔަ އަހަރު ފަހު ކޮޅު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ވިދާޅުވީ، ހެލިކޮޕްޓަރުގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް ގެއްލުން ނުވާނެ ކަމަށާއި އެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ބޭނުން ކުރާނީ ދިވެހި ސިފައިންގެ ފުރިހަމަ ބާރާއެކުގައި ކަމަށެވެ. ދިވެހި ސިފައިން ވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ.