ހަބަރު

ލިބުނު ހެކިތަކަށް ބަލައި ބޯޓް ވެއްޓުނީ ކީއްވެކަން އަދި ބުނެވޭކަށް ނެތް: ސިވިލް އޭވިއޭޝަން

Jul 6, 2015

ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭން ވެއްޓުނު ހާދިސާގައި މިހާތަނަށް ލިބިފައިވާ ހެކިތަކަށް ރިޔާއަތް ކުރާއިރު ބޯޓް ވެއްޓެން ދިމާވީ ސީދާ ކޮންސަބަބަކާ ހުރެކަން އަދި ދެންނެވޭކަށް ނެތް ކަމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަނުން ބުނެފި އެވެ،

މިދިއަ ބުރާސްފަތި ދުވަހު 14 މީހުންނާއެކު ބޯޓް ވެއްޓުނު ހާދިސާއަށްފަހު ސިވިލްއޭވިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ އެކްސިޑެންޓްވެ ޓީއެމްއޭގެ ބޯޓް ވެއްޓުނު ހާދިސާ ސިވިލް އޭވިއޭޝަންގެ އެކްސިޑެންޓް އިންވެސްޓިގޭޝަން ކޮމެޓީން ބަލަމުން އަންނަ ކަމަށާއި އެކްސިޑެންޓް ހިނގި ސަރަހައްދަށް ޖުލައި ދެވަނަ ދުވަހުގެ ރޭ އިންވެސްޓިގޭޓަރުން ފޮނުވައި އެރޭ ތަހުގީގު ޓީމެއް އެކުލަވާލައި ޗީފް އިންވެސްޓިގޭޓަރެއް ވެސް ހަމަޖައްސާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނާ ގޮތުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާއި އިންޓަވިއު ކޮށް ވަނީ ނިމިފަ އެވެ. އަދި އެކްސިޑެންޓަށް ބޭނުންވާ އިތުރު ހެކި ހޯދުމާއި ތަހުގީގީ މަސައްކަތް ކަނޑުގެ އަޑީގައިވާ ބޯޓު ނުވަތަ ބައިތައް ނެގުމާއެކު ކުރިޔަށް ގެންދާނެ އެވެ.  އަދި ކޯސްޓްގާޑާއ ޓީއެމްއޭ ގުޅީގެން ބޯޓް ރިކަވާ ކުރުމުގެ ޕްލޭނެއް އެކުލަވާލައި އެ މަސައްކަތް ކުރިޔަށްދަނީ ކޮމެޓީގެ އިންވެސްޓިގޭޓަރުންގެ ހާޒިރުގަ އެވެ.

"މިހާތަނަށް ލިބިފައިވާ ހެކިތަކަށް ރިޔާއަތް ކުރާއިރު ބޯޓް ވެއްޓެން ދިމާވީ ސީދާ ކޮންސަބަބަކާ ހުރެ ކަމެއް އަދި ދެންނެވޭކަށް ނެތެވެ،" ބަޔާނުގައި ވެއެވެ.

އެ ކޮމެޓީގެ ތަހުގީގު ކުރިޔަށްދަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންނާއި ސިވިލް އޭވިއޭޝަންގެ އެހީތެރިކަމާއެކުގައި ކަމަށާއި ތަހުގީގަށް ޓީއެމްއޭގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް ވެސް ސިވިލްއެވިއޭޝަނުން ބުންޏެވެ.

އިންވެސްޓިގޭޝަންގައި މިހާތަނަށް ކުރި މަސައްކަތްތައް ހާމަ ކުރައްވާ ސިވިލް އޭވިއޭޝަނުން ބުނީ އެކްސިޑެންޓްގެ ތަހުގީގުގެ ބޭނުމަށް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް އެކްސިޑެންޓްވީ ބޯޓްގެ ރިކޯޑްތައް ނުވަތަ ކޮންޓިނިއުއިން އެއާވާދިނަސް ރެކޯޑްސް، ޗެއިން އޮފް ކަސްޓަޑީ  ނުގެއްލޭ ގޮތަށް  ކޮމެޓީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި ކޯސްޓްގާޑްގެ އެހީގައި ތަހުގީގަށް ބޭނުންވާ ބައެއް ހެކި ހޯދައި އެކްސިޑެންޓްގެ މާ ހައުލުގެ ވީޑިއޯ އާއި ފޮޓޯގްރެފީ ހެކިތައް ވެސް ހޯދައި ބޯޓްގެ ބައެއް ބައިތައް ވަނީ ރިކަވާ ކޮށްފައިވާއިރު  އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ފަސިންޖަރުންގެ ލަގެޖްތައް ފިޔަވައި ބޯޓްގެ ހުރިހާ ބައިތަކެއް އެކްސިޑެންޓްގެ ތަހުގީގަށް ބޭނުންވާ ހެކިތައް ކޮމެޓީއަށް ގަބޫލު ކުރެވޭ މިންވަރަށް ނަގައި ނިމެންދެން ވެސް ހުންނާނީ ކޮމެޓީގެ ބެލުމުގެ ދަށުގައި ކަމަށެވެ.