އެޑްވަޓޯރިއަލް

ގޭގައި ތިބޭ އަންހެނުންނަށް އާމްދަނީ ހޯދޭނެ ގޮތްތައް އަބްޅޯ ފަހިކޮށްދެނީ

Mar 8, 2019
3

ތިނަދޫ ދެކުނު ދާއިރާގެ އަންހެނުން ބާރުވެރި ކުރުވައި ފުދުންތެރި ބަޔަކަށް ހެދުމަށް ތިނަދޫ ދެކުނު ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ އަހުމަދު (އަބްޅޯ) ހާއްސަ މަސައްކަތްތަކެއް ކުރައްވަން ނިންމަވައިފި އެވެ.

އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެސް ތިނަދޫ ދެކުނަށް ވާދަ ކުރައްވާ އަބްޅޯ އަންހެނުންގެ ދުވަހާ ގުޅިގެން ދާއިރާގެ އަންހެނުނަށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައި ވިދާޅުވި ގޮތުގައި، ތިނަދޫ ދެކުނަށް ނިސްބަތްވާ އަންހެން ބޭފުޅުންގެ ތެރޭގައި ވަޒީފާއެއް ނެތިގެން ގޭގައި ތިބޭ އަންހެނުންގެ އާބާދީ ބޮޑެވެ. އެމްޕީ އަބްޅޯ ވިދާޅުވި ގޮތުގައި އެފަދަ އަންހެނުންގެ ފުދުންތެރިކަން އިތުރުކޮށް މުޖުތަމައުގައި އެ މީހުންގެ ބައިވެރިވުން އިތުރު ކުރަން އެފަދަ އަންހެނުނަށް މުހިންމީ ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ ގޮތްތަކެއް ފަހިކޮށް ދިނުމެވެ.

"އަޅުގަނޑުގެ ވިސްނުމުގައި އޮތީ އެގޮތަށް ގޭގައި ތިބޭ އަންހެން ބޭކަނބަލުންނަށް ގޭގައި ތިބެގެން އާމްދަނީއެއް ހޯދޭނެ ގޮތްތަކެއް އަޅުގަނޑު ފަހިކޮށްދޭން. އެގޮތުން ދާއިރާގެ އެފަދަ އަންހެނުންނަށް ހާއްސަކޮށް ޓްރޭނިން ޕްރޮގްރާމްތައް ހިންގާނަން އެކި މަސައްކަތްތައް ދަސްކޮށްދޭން،" ތިނަދޫ ދެކުނު ދާއިރާގެ ކެންޑިޑޭޓް ނަމްބަރު 4 އެމްޕީ އަބްޅޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދާއިރާގެ އާބާދީގައި އަންހެނުން ގިނަ އިރު، ފުދުންތެރި އާއިލާއެއް ބިނާ ކުރެވޭނީ ކަނބަލުން ބާރުވެރި ކުރުވައިގެން އެވެ. އެކަން ކުރުމަށް އޮތް ގޮތަކީ އާމްދަނީ ލިބޭނެ ވަސީލަތްތައް ފަހިކޮށް ދިނުން ކަމަށް އޭނާ ދެކެ އެވެ.

"ރަށުގެ އިގްތިސޯދުގައި ކަނބަލުން ބާރުވެރި ބަޔަކަށް ހަދަން ޖެހޭ. އެކަން ކުރޭވޭނީ މީހަކު އެ މީހުންނަށް އެހީވެގެން،" އެމްޕީ އަބްޅޯ ވިދާޅުވި އެވެ.

އަބްޅޯ ވިދާޅުވި ގޮތުގައި، އަންހެނުން ބާރުވެރި ނުކޮށް ހަގީގީ ތަރައްގީއެއް ނުގެނެވޭނެ އެވެ. އަދި އަންހެނުންނަށް ކަންކަން އުގަންނައިދީ މަސައްކަތުގެ މައިދާނުގައި އެ މީހުންގެ ބައިވެރިވުން އިތުރު ކުރުމަކީ އަމާޒެއް ކަމަށް އަބުޅޯ ވިދާޅުވި އެވެ. އަދި އަންހެނުން އުފައްދާ ތަކެތި ވިއްކުމަށް ތަނަވަސް މާހައުލެއް ހޯދައިދިނުމަށް ގާނޫނީ ގޮތުންނާއި ފަރުދީ ފެންވަރުގައި ވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އަބްޅޯ ދާއިރާގެ ރައްޔިތުންނަށް ދެއްވި އެވެ.