ފިނިޕޭޖް

"އެއި ދިލްހޭ މުޝްކިލް" އަންނަ އަހަރުގެ ދިވާލީގައި ރިލީޒްކުރާނެ

Jul 7, 2015

މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު ދެން ޑައިރެކްޓްކޮށް، ލީޑްރޯލުން އައިޝްވާރިއާ ރާއީ އާއި އަނުޝްކާ ޝަރްމާގެ އިތުރުން ރަންބީރު ކަޕޫރު ފެނިގެންދާ "އޭ ދިލްހޭ މުޝްކިލް" އަންނަ އަހަރުގެ ދިވާލީގައި ރިލީޒް ކުރާގޮތަށް ހަމަޖެހިއްޖެ އެވެ.

އޮކްޓޯބަރުގައި ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ މިފިލްމު އިންޑިއާގައި ފާހަގަކުރަމުން އަންނަ ފެސްޓިވް ދުވަހެއް ކަމަށްވާ ދިވާލީގައި އަންނަ އަހަރު ރިލީޒްކުރަން ނިންމާފައިވާކަން ހާމަކޮށްފައިވަނީ ޑައިރެކްޓަރު ކަރަން ޖޯހަރު ކުރި ޓްވީޓެއްގަ އެވެ.

މިހާރު ޕްރޮޑަކްޝަންގެ މަސައްކަތް ފަށާފައިވާ މިފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ ރަންބީރު މިހާރު ކުޅެމުން އަންނަ ފިލްމު "ޖައްގާ ޖާސޫސް" އާއި އައިޝްވާރިއާ ކުޅެމުން އަންނަ "ޖަޒްބާ" ގެ މަސައްކަތް ނިމުމުން އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

މިފިލްމަކީ އައިޝްވާރިއާ ހިމަނައިގެން ކަރަން ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.

އަބަދުވެސް އީދާއި، ދިވާލީ އަދި ކްރިމަސްގައި ފިލްމުތައް އަޅުވައިގެން ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނައިރު އަންނަ އަހަރުގެ އެންމެ ބޮޑު ކުރިމަތިލުން ކަމަށްވާ ސަލްމާން ޚާންގެ "ސުލްތާން" އާއި ޝާހްރުކް ޚާންގެ "ރައީސް" ފިތުރު އީދުގައި ރިލީޒްކުރާނެ ކަން ހާމަކޮށްފައިވަނިކޮށް މިފިލްމު ދިވާލީގައި ރިލީޒްކުރަން ނިންމުމާއިއެކު މިފިލްމުވެސް މިވަނީ ބޮޑު ކުރިމަތިލުމަކާއި ދިމާއަށް މިސްރާބު ޖަހާފަ އެވެ.

އަޖޭ ދޭވްގަން ޑައިރެކްޓްކޮށް އެކްޓްވެސްކުރާ "ޝިވާ" އާއި މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އެއް ދުވަހެއްގައި ކަމަށްވާއިރު، މިއަހަރުގެ ޑިސެމްބަރުގައި ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ މިފިލްމުގައި އަޖޭ ފެނިގެންދާނެ ގޮތް ވަނީ އާންމުކޮށްފަ އެވެ.

ލޯބި އޭގެ އެންމެ ފުންމިނަށް ގެނެސްދޭނެ ކަމަށް ބުނާ "އެއި ދިލްހޭ މުޝްކިލް" ދިވާލީ އާއި ދިމާކޮށް ސިނާމާތަކުގައި ދައްކާނީ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެވެ.

ކަރަންގެ އެންމެ އުންމީދީ ފިލްމުގައިވާ މިފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ފޮކްސް ސްޓާ އިންޑިއާއިންނާއި ކަރަންގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިކަމަށްވާ ދަރްމާ ޕްރޮޑަކްޝަން އިންނެވެ.