ހަބަރު

ކައުންސިލްތަކުގެ ގޮނޑިތަކެއް އަންހެނުންނަށް ހާއްސަކުރާނަން: ރައީސް

ލާމަރުކަޒީ ގާނޫނަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި އަންހެނުންނަށް ވަކި އަދަދެއްގެ ގޮނޑިތަކެއް ކައުންސިލުން ޔަގީންކުރުން ހިމެނޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އެކަން ހާމަކުރެއްވީ މިރޭ އައްޑޫ ސިޓީގައި އެމްޑީޕީއިން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ސިޔާސީ މައިދާނާއި އެހެން ދާއިރާތަކުގައި އަންހެނުންގެ ދައުރު ފުޅާ ކުރަން ޖެހޭ ކަމަށެވެ. ކައުންސިލްތަކުގެ ވަކި ގޮނޑިތަކެއް އަންހެނުންނަށް ޔަގީން ކުރަނީ އެހެންވެ ކަމަށެވެ.

"ލާމަރުކަޒީ ގާނޫނަށް އަޅުގަނޑު އިސްލާހު ގެންނަން ހުށަހަޅާ ގޮތަކީ ކައުންސިލްތަކުގައި ހަމައެކަނި އަންހެނުންނަށް ވަކި މިންވަރަކަށް ގޮނޑި ކަށަވަރު ކުރުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ލާމަރުކަޒީ ނިޒާމްގެ ތެރެއިން ކައުންސިލްތަކަށް ބާރު ދީގެން ސަރުކާރު ހިންގުމަކީ އެމަނިކުފާނު ވިސްނުން ކަމަށެވެ. ތަރައްގީ ގެނެވޭނީ ކައުންސިލްތަކަށް ބާރު ދީގެން ކަމަށެވެ.

އެކަމަށް ބޭނުންވާ ގާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. ރައީސް ސޯލިހު ވިދާޅުވީ އެފަދަ އެންމެ މުހިންމު އިސްލާހަކީ މާލީ ގޮތުން ކައުންސިލްތަކަކީ ފުދުންތެރި ކައުންސިލްތަކަކަށް ހެދުން ކަމަށެވެ.

"އެގޮތުން މި ސިޓީއިން [އައްޑޫ ސިޓީއިން] ލިބޭ އާމްދަނީގެ ބޮޑު ބައެއް މި ސިޓީގެ ތަރައްގީއަށް ހަރަދު ކުރުމަށް ކައުންސިލްތަކަށް ލިބޭނެ، އަދި ގްރީން ޓެކްސްއިން ލިބޭ އާމްދަނީ ބޭނުން ކުރާނީ ތިމާވެށި ރައްކާތެރިކުރުމާއި ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރުމަށް،" ރައީސް ވިދާޅުވި އެވެ.