ހަބަރު

ޕީޕީއެމް ކެންޑިޑޭޓުންނަށް ވޯޓު ދޭނެ ސަބަބެއް ނެތް: ނަޝީދު

Mar 9, 2019
3

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް އައްޑޫ ސިޓީއިން ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ އައްޑޫ ސިޓީގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ހުރިހާ ސަޕޯޓަރުން ވެސް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާނެ ކަމަށް ޝައްކު ނުކުރައްވާ ކުރައްވާ ކަމަށެވެ.

އައްޑޫ ސިޓީގެ ހަތް ދާއިރާއަށް ވެސް އެމްޑީޕީގެ ކެންޑިޑޭޓުން ވާދަ ކުރައްވަ އެވެ. އެކަމަކު ޕީޕީއެމްއިން ވާދަ ކުރަނީ އެންމެ ދާއިރާއަކަށެވެ. ޕީޕީއެމްއާ ގުޅިފައިވާ ޕީއެންސީއިން އައްޑޫ ސިޓީގެ ދެ ދާއިރާއަކަށް ވާދަކުރެ އެވެ. ހަތަރު ދާއިރާއަކަށް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑޭޓުން ނުނެރެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމްއިން ވާދަ ކުރާ ކެންޑިޑޭޓުންނަށް އައްޑޫ ރައްޔިތުން ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ނިމިގެންދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި އައްޑޫ ސިޓީއަށް ތަރައްގީ ގެނައުމަށް އެއްވެސް މަޝްރޫއުއެއް ހިންގާފައި ނެތްކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

މަޖިލިސް އިންތިހާބުގައި ވޯޓު ދޭންވީ ތަރައްގީގެ ތަސައްވުރެއް ގެންގުޅޭ ބަޔަކަށް ކަމަށާއި އެ ބަޔަކީ އެމްޑީޕީ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެ ޕާޓީއަކީ ވައުދު ފުއްދާ ޕާޓީއެއް ކަމަށް ވެސް ކަމަށެވެ. އެހެންވެ އެންމެ ހައްގީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދުމަށް އަންނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުން ވަރަށް މުހިންމު ކަމަށާއި އެއީ މުހިންމު ވަސީލަތަކަށް ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ސޯލިހުގެ ރިޔާސީ ވައުދުތައް ރަނުން ރަނަށް އެމްޑީޕީއިން ފުއްދާނެ ކަމަށް ވެސް އެ ޕާޓީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.