ދުނިޔެ

އައިއެސްއާ ގުޅުނު ޔޫކޭ ކުއްޖާގެ ދަރިފުޅު މަރުވެއްޖެ

Mar 9, 2019

ދީނީ ހަރުކަށި ހިޔާލުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅެން ސީރިއާ ދިޔަ ބަންގްލަދޭޝް ދަރިކޮޅުގެ އިނގިރޭސި ވިލާތުގެ ޒުވާން އަންހެން ކުއްޖާއަށް ލިބުނު ދަރިފުޅު މަރުވެފައިވާކަމަށް ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން ބުނެފި އެވެ.

ބަންގްލަދޭޝް ދަރިކޮޅުގެ ޝަމީމާ ބޭގަމް، 19 އައިއެސް އާ ގުޅުމަށް ޔޫކޭ ދޫކޮށް ސިރިއާއަށް ގޮސްފައިވަނީ 2015 ވަނަ އަހަރެވެ. ނަމަވެސް، ސީރިއާގެ ރެފިއުޖީ ކޭމްޕެއްގައި އުޅެނިކޮށް މިދިޔަ ހަފުތާގައި ފެނުނު ޝަމީމާ އެނބުރި ޔޫކޭއަށް ދާން ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ. އައިއެސް ހަނގުރަމާވެރިއަކާއި ކައިވެނި ކޮށްގެން އުޅެނިކޮށް ބަލިވެއިން ޝަމީމާ ވަނީ، މީގެ ތިން ހަފްތާ ކުރިން ފިރިހެން ކުއްޖެއް ވިހައިފަ އެވެ.

ސީރިއާގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ޝަމީމާގެ ދަރިފުޅު މަރުވެފައިވަނީ ނިއުމޯނިއާއަށް ފަރުވާދެމުންދަނިކޮށް އެ ދެމައިން ދިރިއުޅެމުންދިޔަ ރެފިއުޖީ ކޭމްޕުގައި އެވެ.

ޔޫކޭ އިން ރައްޔިތުކަން އަތުލާފައިވާ ޝަމީމާގެ އާއިލާގެ ވަކީލުވެސް ވަނީ އެކަން ކަށަވަރުކޮށްދީފައި އެވެ.

އިނގިރޭސި ގާނޫނުތައް ބުނާ ގޮތުން، އެހެން ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، އެހެން ގައުމެއްގެ ރައްޔިތުކަން ލިބެން އޮތް މީހެއްގެ ރައްޔިތުކަން އަތުލެވިދާނެ އެވެ. ޝަމީމާގެ ރައްޔިތުކަން އަތުލަން ނިންމާފައިވަނީ އޭނާއަކީ ބަންގްލަދޭޝް ދަރިކޮޅުގެ މީހަކަށްވެފައި އެ ގައުމުން އޭނާއަށް ރައްޔިތުކަން ލިބޭނެ މަގު އޮތީމަ އެވެ.

ނަމަވެސް، ބަންގްލަދޭޝް ފޮރިން މިނިސްޓްރީން ބުނީ ޝަމީމާ އަކީ ބަންގްލަދޭޝް ރައްޔިތެއް ނޫން ކަމަށާއި، އޭނާއަށް އެ ގައުމަށް ނާދެވޭނެ ކަމަށެވެ. އަދި ޝަމީމާ އަކީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށް ބަލައިގެން އެކި ފަރާތްތަކުން ވާހަކަތައް ދައްކާތީ އެކަމާއި ކަންބޮޑުވާކަމަށް ވެސް ބަންގްލަދޭޝް ފޮރިން މީނިސްޓްރީން ބުނެފައިވެ އެވެ.

ޝަމީމާ ސީރިއާއަށް އެތެރެވެފައިވަނީ އޭނާގެ އެއްބަނޑު އެއްބަފާ އެހެން ކުއްޖެއްގެ ޕާސްޕޯޓުގަ އެވެ. ނަމަވެސް، އޭނާ ސީރިއާ ބޯޑަރު ހުރަސް ކުރުމާއެކު އެ ޕާސްޕޯޓް އަތުލާފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ދަރިފުޅު ގޮވައިގެން އެނބުރި ޔޫކޭއަށް އައިސް، އާދައިގެ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ދިނުމަށް ޝަމީމާ ވަނީ ގޮވާލައިފަ އެވެ.