ޕީޕީއެމް

ހިތްހަމަ ނުޖެހިގެން ޒާހިދު ޕީޕީއެމްއިން ވަކިވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ގެންދިޔަ ދަނޑިވަޅު ބަަލައި ޕީޕީއެމް އާއި ޕީއެންސީގެ ކޮންޓްރޯލް ލ. ފޮނަދޫ ދާއިރާގެ މެމްބަރު ނަގައިފައިވާ ކަމަށް ތުހުމަތުކޮށް އެކަމާ ހިތްހަމަ ނުޖެހި، ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު އެ ޕާޓީއިން ވަކިވެއްޖެ އެވެ.

ކޯޓް އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނެވި، ކުރީގެ ރައީސް ޔާމީން އަށް އެޑްރެސްކޮށް އައްޑޫ ހިތަދޫ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓުގައި ވެސް ވާދަކުރައްވާ ޒާހިދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އަބްދުރަހީމް ގެންދަވަނީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން ޕާޓީ ގަޑުބަޑުކޮށް އަމިއްލަ މަސްލަހަތު އިސްކޮށް ޕާޓީ "ހައިޖެކް" ކޮށްފައި ކަމަށެވެ.

އެސިޓީގައި ޒާހިދު ވިދާޅުވީ އޭނާ ހިތަދޫ މެދު ދާއިރާއަށް ވާދަކުރަމުން ދަނިކޮށް އަބްދުއްރަހީމް ވަނީ އެދާއިރާގެ މަހުޖަނަކަށް ޕީޕީއެމްގެ ތާއިދު ވިއްކާފައި ކަމަށެވެ. އަދި އެކަން ކުރީ ނީލަން ކިޔުމުގެ އުސޫލުން ކަމަށްވެސް ޒާހިދު ވިދާޅުވެފައިވެ އެވެ.

ޒާހިދު އެސިޓީގައި އިތުރަށް ވިދާޅުވީ، ޕީޕީއެމް ހައިޖެކް ކޮށްހެން ތިބި "ލުޓޭރުން" ދަނީ އެމީހުންގެ އަމިއްލަ މަސްލަހަތަށް ފައިދާވާގޮތަށް ޕާޓީގެ ޓިކެޓްތައް ބަހަމުން ކަމަށެވެ. ޕާޓީ އަށް އިހްލާސްތެރިވި މީހުން މަގުމަތިކޮށް، މިހާރު މަސައްކަތް ކުރަމުން ގެންދަނީ ޕާޓީގެ ގަވާއިދު ތަކާ ޔާމީންގެ އަހުދުތައް ފުނޑުފުނޑު ކޮށްލުމަށް ކަމަށްވެސް އޭނާގެ ސިޓީގައި ވިދާޅުވި އެވެ.

ޒާހިދު މިހެން ވިދާޅުވިއިރު ޕީޕީއެމް އިން ވަނީ ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދައި ބައެއް ދާއިރާތަކުގެ ތާއިދު ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ދިނުމަށް ނިންމާފަ އެވެ. އެގޮތުން ޕީޕީއެމްއިން ވަނީ އެޕާޓީގެ ޓިކެޓް ދީފައިވާ ބައެއް ފަރާތަކުން ޓިކެޓް އަނބުރާ އަތުލައިފަ އެވެ.

"މުދަލާއި ފައިސާ އަށް އަޅުކަން ކުރާ ބަޔަކު ކުރިމަތި ކުޑަކަކޫއެއް ނުޖަހާނަމެވެ. އެހެންކަމުން މިއަދުން ފެށިގެން ޕީޕީއެމްގެ ކައުންސިލްގެ މެމްބަރުންކަމުންނާއި ޕާޓީގެ މެމްބަރު ކަމުން ވަކިވާން ނިންމާފީމެވެ،" ޒާހިދުގެ އިސްތިއުފާގެ ސިޓީގައިވެ އެވެ.