ލައިފްސްޓައިލް

މާ ފިނި، މާ ހޫނު: ކޮބާ އޭސީ ރިމޯޓް!

ވަޒީފާއަށް ގޮސް ދުވާލަކު އަށް ގަޑި އިރަށް ވުރެ ގިނަ އިރު ވަންދެން އެއް ތަނެއްގައި ތިބެގެން މަސައްކަތް ކުރާއިރު މުޅި އޮފީސް ދެބަސްވާ ކަމެއް އޮވެ އެވެ. އޮފީހުގެ އެއާ ކޮންޑިޝަނާ އެންމެން ހިތްހަމަޖެހޭ ގޮތަށް އެއްވަރެއްގައި އެއް ޓެމްޕަރޭޗާ އެއްގައި ދުވަހަކު ވެސް ނުބެހެއްޓޭތީ އެވެ.

އެއްބަޔަކަށް ފިނި ވެގެން އޭސީ މަޑު ކުރަން ޖެހިދާނެ އެވެ. އަނެއްބަޔަކު ބޭނުން ވަނީ ހޫނު ދިލަ އަރާތީ އޭސީ ގަދަ ކޮށްފައި ބަހައްޓާށެވެ. އެކަކަށް ފިނި ވެގެން ފިނި މަޑު ކޮށްފިއްޔާ ދެން ހުންނަ މީހަކު ހުންނާނީ ދާހިތްލާފަ އެވެ. އެންމެން ހިތް ރުހޭ ވަރަށް އެއް ޓެމްޕަރޭޗާ އެއްގައި އޭސީ ނުބެހެއްޓި އޮފީސް ގަޑި ޖެހުމުން ގެއަށް ދަނީ އެކަކު އަނެކަކާ މޫނު ހަދައިގެން ތިބެ އެވެ. މިވެސް ކޮންމެ ދުވަހެއްގެ ޒުވާބަކަށް ވަރަށް ގިނައިން ވެފައި އޮވެއެވެ.

އޭސީ ކައިރީގައި ތިބޭ މީހުންނަށް ފިނީގެ އަސަރު މާ ގަދަ އަށް ކުރެ އެވެ. އިތުރަށް ފިނި ކޮށްފިނަމަ އޭނާ އިންނާނީ ގަނޑު ވެފަ އެވެ. ބައެއް ފަހަރު ރޯގާ ޖެހި މުޅި އަހަރު ދުވަހު އުޅެން ޖެހޭނީ އެކަމުން އަރައި ނުގަނެވި އެވެ. ދުރުގައި ތިބޭ މީހުން މީގެ އިދި ކޮޅެވެ. އެ މީހުން ތިބޭނީ އަވަނެއް ގައެވެ.

ބައެއް އޮފީސް އޮފީހުގައި މި ކަމާ ޒުވާބު ކޮށް އޭސީ ރިމޯޓުތައް ވެސް ފޮރުވާފަ އެބަ ހުއްޓެވެ. ރިޕޯޓްތައް ނިޒާމުން ގެއްލުވައިލަ އެވެ. ގަދަ ވަނީ ކޮންބައެއްތޯ ބަލާށެވެ. އެންމެން ހިތް ހަމަ ޖެހޭ ވަރަށް އެއް ޓެމްޕަރޭޗާ އެއްގައި އޭސީ ނުބެހެއްޓޭތީ އެވެ.

މި މައްސަލައަށް ހައްލު ހޯދަން ސަރުކާރުގެ ބައެއް އޮފީސް ތަކުގައި އެއް ވަރެއްގައި އޭސީ ބެހެއްްޓުމަށް ސާކިއުލާތައް ވެސް ނެރެފައި ވެއެވެ. ސްޓާފުން ކުރާ މި ޒުވާބުގެ އަސަރު އޮފީހުގެ މަސައްކަތުން ވެސް ދައްކަ އެވެ. އޮފީސް ގަޑީގައި އޭސީގެ ފިނި ހޫނު މިނާ މެދު ވިސްނާ ޒުވާބުކޮށް ހަދަން ޖެހޭތީ މަސައްކަތަށް ދޭންޖެހޭ ސަމާލުކަން ނުދެވި ގެއަށް ދާން ބޭނުންވާ ކަމުގެ އިހުސާސް ވެސް ކުރެވެ އެވެ.

އޭސީ ބަހައްޓަންވީ ކިހާ ވަރަކަށް؟

އެއާކޮންޑިޝަނާ ބަހައްޓަންޖެހޭ ވަކި މިނެއް ކަނޑައެޅިގެން ބުނެދީފައެއް ނޯވެ އެވެ. އެހެންނަމަވެސް، އިންޓަނޭޝަނަލީ ގަބޫލުކުރާ ގޮތުގައި ހޫނު ގައުމުތަކުގައި އޭސީ ބެހެއްޓުމަށް އެންމެ އެކަށޭނައީ 23 އާއި 26 އާ ދެމެދު ކޫލް މޯޑުގަ އެވެ. މިވަރުގައި ބެހެއްޓުމުން ދާހިތްލާ ވަރަށް ހޫނު ނުވެ ރަނގަޅު ވަރެއްގައި ފިނިކަން ވެސް ހުންނާނެ އެވެ. އަދި މިއީ "ކޮމްފޮޓަބަލް" ޓެމްޕަރޭޗާ ކަމަށްވެސް ބުނެ އެވެ.

ހައްލެއް އެބަ އޮތްތަ؟

އޮފީހުގެ އޭސީ ޒުވާބު ކޮން ދުވަހަކު ކުރުމުގެ ބަދަލުގައި ގަނޑުވެގެން ތިބެން ބޭނުންވާ މީހުން އޭސީ ކައިރީގައި ތިބޭ ނަމަ މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ އެވެ. އަދި މާ ބޮޑަށް ފިނިވާ މީހުން އޭސީއާ ވީހާވެސް ދުރުގައި ތިބުން ބުއްދިވެރި އެވެ. އޮފީހުގެ ވެރިންނާ ވާހަކަ ދައްކައިގެން އިށީންނަ ތަން ބަދަލު ކުރުން މުހިއްމެވެ. މިފަދައިން ކަންތައް ކުރުމުން ކޮންމެ ދުވަހަކު ކުރާ މި ޒުވާބުން ދުރުވެ އޮފީސް މާހައުލު ފަސޭހަ ވާނެ އެވެ.

މިކަހަލަ ކުޑަ ކުޑަ ކަމަކުންވެސް އޮފީހުގައި ކުރާ މަސައްކަތަށް ބުރޫ އަރާފާނެ އެވެ. އޮފީހަށް އަންނަ ގޮތަށް އޭސީ ރިމޯޓާ ހިފައި ތަޅާ ފޮޅުމުގެ ބަދަލުގައި އެންމެންނަށް ފަސޭހާވާނެ މިނެއްގައި އޭސީގެ ފިނިމިން ބެހެއްޓޭތޯ ބަލާށެވެ. ކޮންމެގޮތެއްވިޔަސް މިހާރު އޭސީ ނުހުންނަ އޮފީހެއް ވަރަށް މަދު ވާނެ އެވެ. ފަންކާގެ ޒަމާން ގޮސްފި އެވެ. އެންމެން ކުރާ ފިނި ޒުވާބު ހުއްޓޭނީ އެންމެން އެއްބަސް ކިޔައިގެންނެވެ.