ވިޔަފާރި

މަންތާ އެއާގެ ތިންވަނަ ބޯޓު މާދަމާ ރާއްޖެއަށް

Mar 9, 2019
1

އެތެރޭގެ އުދުހުންތަކަށް އެންމެ ފަހުން ނުކުތް މަންތާ އެއާގެ ތިންވަނަ ބޯޓު މާދަމާ ރާއްޖެ ގެންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މަންތާ އެއާއިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ މާދަމާ ހަވީރު ރާއްޖެ ގެންނަ މި ބޯޓާއެކު އޮޕަރޭޝަން ފުޅާވެގެންދާނެ ކަމަށެވެ.

އެތެރޭގެ އުދުހުންތަކުގެ ހިދުމަތަށް ބޮޑު ބަދަލެއް ގެންނައުމުގެ އަޒުމުގައި މަންތާ އެއާ އިން ފުރަތަމަ ބޯޓު ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރުގެ ނޮމެމްބަރު މަހު އެވެ. އަދި ދެވަނަ ބޯޓު ރާއްޖެ ގެނައުމާއެކު ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ދަތުރުތައް ފަށާފަ އެވެ. މި ދަތުރުތަކުގައި އެ ކުންފުނިން ބޭނުންކުރަނީ އޭޓީއާރް 600-72 މަރުކާގެ ބޯޓު ފަހަރެވެ. މީގެ 78 ގޮނޑީގެ ބޯޓު ފަހަރެވެ.

އެ ކުންފުނީގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވެފައިވާ ގޮތުގައި 80 ޕަސެންޓް ދިވެހި މުވައްޒަފުންނާއެކު ކުރިއަށް ގެންދާ މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ފުރިހަމަ ހިދުމަތެއް ދިނުމެވެ.

މަންތާ އެއާއިން ހިދުމަތް ފަށާފައި ވަނީ ދުރާލާ ޝީޓް ބުކްކޮށްލެވޭނެ ހިދުމަތް ވެސް ފަށާފަ އެވެ. މި ހިދުމަތާއެކު ބޭނުންވާ ގޮނޑި ދަތުރު ކުރަން ބޭނުންވާ މީހާއަށް ދުރާލާ ބުކް ކޮށްލައި ފްލައިޓް ޝެޑިއުލް ބަލައިލުމުގެ ފުރުސަތު ލިބެއެވެ.

މި އެއާލައިނުން މިހާރު ދަތުރު ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދ. ކުޑަހުވަދޫ އަށެވެ. ނަމަވެސް މި ދަތުރުތައް ބ. ދަރަވަންދޫ އާއި ތ. ތިމަރަފުށީ އެއާޕޯޓަށް ފުޅާކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.