ވިޔަފާރި

ޖޭ ޑަބްލިއު މެރިއޮޓް ބްރޭންޑާއެކު ވަގަރު ޖުލައިމަހު ހުޅުވަނީ

Mar 10, 2019
1

ވައިސްރޯއީ މޯލްޑިވްސްގެ ނަމުގައި ކުރިން ހިންގި، ށ. ވަގަރު ޖޭ ޑަބްލިއު މެރިއޮޓް އަށް ރީބްރޭންޑްކޮށް މި އަހަރުގެ ޖުލައި މަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ރިސޯޓު ހުޅުވުމުގެ ގޮތުން ކުރިން ގިނަ ތާރީހުތަކެއް ދީފައިވާ ވަގަރު ހުޅުވާއިރު މިތަނުގައި 68 ވޯޓާ ވިލާ ހުންނާނެ އެވެ. މި ރިސޯޓު ހުޅުވަނީ ދުނިޔޭގެ އެންމެ ބިޔަ ހޮޓެލް ޗެއިން ކަމަށްވާ އެެމެރިކާގެ މެރިއޮޓް އިންޓަނޭޝަނަލްގެ އެންމެ ލަގްޒަރީ މަރުކާ ކަމަށްވާ ޖޭ ޑަބްލިއު މެރިއޮޓް ގެ ނަމުގަ އެވެ.

މި ރިސޯޓުގެ ޖެނެރަލް މެނޭޖަރު މާކް ގުސިން ވިދާޅުވީ ރިސޯޓު ހުޅުވާއިރު ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ހުންނާނެ އެވެ. މީގެ އިތުރުން ޓްރީޓޮޕް ރެސްޓޯރެންޓާއި އަގުބޮޑު ވައިސް ސެލާއެއް އަދި މުއްސަނދި މެރިން ލައިފްއެއްގެ އިތުރުން ކިޑްސް ކްލަބް ފަދަ ގިނަ ހިދުމަތްތައް ލިބެން ހުންނާނެ އެވެ.

މާލެއާ 192 ކިލޯމީޓަރު ދުރުގައި އޮންނަ ރަށް އަލުން ހުޅުވާއިރު، މެރިއޮޓް އިންޓަނޭޝަނަލް އިން މީގެ ކުރިން ވަނީ އޭޑީކޭ ޓްރެވަލްސް އިން ތަރައްގީ ކުރަން ފެށި ށ. ގާކޮށިބީގައި ވެސް ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނެކަން އިއުލާނުކޮށްފަ އެވެ. އެ ރަށުގައި ތަރައްގީ ކުރަން މަސައްކަތް ކުރީ މެރިއޮޓްގެ ބްރޭންޑެއް ކަމަށްވާ ރެއިނަސަންސްގެ ރިސޯޓެއް ހުޅުވާށެޗެ. ނަމަވެސް ފަހުން ގާކޮށިބީ ސިންގަޕޫރުގެ ކުންފުންޏަކުން ގަނެ ވަނީ ސިއްރު ފެންފުށީގެ ނަމުގައި ރިސޯޓެއް ހުޅުވާފަ އެވެ

ވަގަރު ތަރައްގީ ކޮށްފައިވާ ސަރަހައްދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 55 މިނެޓުން ސީޕްލޭންގައި ދެވޭނެ އެވެ. ފަސް ދޮޅަސް ގައުމުގައި 422 ހޮޓާ ހިންގާ މެރިއޮޓް އިންޓަނޭޝަނަލް އާއި އެމެރިކާގެ ސްޓާވުޑް ހޮޓެލްސް ކުންފުނި 2016 ވަނަ އަހަރު އެއްކޮށްލުމުގެ ކުރިން ސްޓާވުޑް ކުންފުނިން ރާއްޖޭގައި ތިން ރިސޯޓު ހިންގި އެވެ.