ދުނިޔެ

ރޯދަމަހު ކުރު ހެދުން ލީ ބަޔަކަށް މޮރޮކޯގައި ދައުވާކޮށްފި

Jul 7, 2015

މި ހިނގާ ރޯދަމަހުގެ ދުވާލު ކުރު ހެދުމެއް ލައިގެން މަގުމަތީގައި އުޅުނު މުސްލިމް ދެ އަންހެނެއްގެ މައްޗަށް މޮރޮކޯގެ ސަރުކާރުން ދައުވާ އުފުލައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިދިޔަ މަހުގެ ފަހުކޮޅު އެ ދެ އަންހެނުން ހައްޔަރުކޮށްފައި ވަނީ މޮރޮކޯގެ އިންޒެންގަން އަވަށުގެ މާރުކޭޓެއްގެ ތެރެއިން މާ ކުރު ތިރިކޮޅެއް ލައިގެން ހިނގާފައި ދިޔަ ތަން ބަޔަކަށް ފެނިގެން ރިޕޯޓުކުރުމުންނެވެ. އެ ތަން ފެނުނު މީހުން ވަނީ އުމުރުން 23 އަހަރާއި 29 އަހަަރުގެ އެ ދެ އަންހެނުން ވަށާލާފައިވާ ކަމަށްވެ އެވެ.

އެ މީހުންގެ މައްޗަށް ކުރަނީ އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތަކެއް ހިންގި ކަމުގެ ދައުވާ އެެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ގިނަވެގެން ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މި ދައުވާގެ ޝަރީއަތް އިއްޔެ ފަށާފައި ވާއިރު، މިއަދު ވެސް އަޑުއެހުމެއް އޮންނާނެ އެވެ. އެހެން ނަމަވެސް، އެ ދައުވާގައި އިޖުރާއީ މައްސަލަތަކެއް ހުރި ކަމަށް މައްސަލަ ބައްލަވާ ގާޒީ ފުރަތަމަ އަޑުއެހުމުގައި ވިދާޅުވުމާ ގުޅިގެން އެ ދެ މީހުން ދޫކޮށްލުމުގެ ފުރުސަތު އެބައޮތެވެ.

މި ދެ އަންހެނުން ހައްޔަރުކޮށް ދައުވާ ކުރާތީ އިންޓަނެޓުގައި ވަނީ ޕެޓިޝަނެއް ވެސް ހަދާފަ އެވެ. ސަރުކާރުގެ އެ އަމަލަކީ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ބުނެ ހެދި އެ ޕެޓިޝަނުގައި އެތައް ހާސް ބަޔަކު ވަނީ ސޮއިކޮށްފަ އެވެ.

މުސްލިމް މެޖޯރިޓީއެއް އޮންނަ މޮރޮކޯގައި މިފަދަަ މައްސަލަތައް ދޭތެރެ ދޭތެރެ އިން ކުރިމަތިވެ އެވެ.