ހަބަރު

ހެލްމެޓް އަޅައިގެން ފޭރުނު ހަތަރު މީހުން ހައްޔަރުކޮށްފި

Mar 10, 2019
3

ހެލްމެޓް އަޅައިގެން ތިބި ބަޔަކު ސްޓޭޓް ބޭންކް އޮފް އިންޑާ (އެސްބީއައި) ކައިރިން މީހަކަށް ހަމަލާދީ ފައިސާތަކެއް ފޭރިގަތް މައްސަލާގައި ހަޔަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދެ މީހަކާއި 18 އަހަރުން ދަށުގެ ދެ ކުއްޖެކެވެ.

މިއަދު ފޭރިގެންފައިވަނީ މަޝްހޫރު ވިޔަފާރި ކުންފުނި ބީއެޗްއެމްގެ ފައިސާތަކެކެވެ. ފޭރިގަތީ 2،377،881 ރުފިޔާ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ބީއެޗްއެމްއިން ސްޓޭޓް ބޭންކް (އެސްބީއައި)އަށް ޖަމާކުރަން ދިޔަ ވަގުތު އެ ފައިސާތައް ފޭރިގެންފައިވަނީ ވެހިކަލް އިން ފައިސާ ދަބަސް ބޭލި ދަނޑިވަޅު ބަލައި އެ ތަނުގައި ތިބި ބައެކެވެ. އަދި އެކަން ކޮށްފައިވަނީ ފައިސާ ދަބަސް ހިފައިގެން ހުރި މީހާ އަށް ވަޅިން ބިރު ދެއްކުމަށްފަހު އެވެ. އޭރު އެ ފައިސާ ދަބަސް ހިފައިގެން ހުރި އިންޑިއާ މީހާގެ އަތަށް ވަނީ ވަޅިން ހަމަލާދީ ޒަހަމްކޮށްލާފަ އެވެ. ނަމަވެސް މިހާރު އެ މީހާ އަށް ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.

އެނގިފައިވާ ގޮތުގައި ބީއެޗްއެމް އިން ބޭންކަށް ޖަމާކުރަން ގެންގޮސްފައިވަނީ ނިމިދިޔަ ހަފުތާގެ ތިން ދުވަހެއްގެ ފައިސާ އެވެ. އާއްމު ގޮތެއްގައި ބޮޑެތި ފިހާރަތަކުން ތިން ދުވަހުގެ ސޭލްސް ދެ މިލިއަން ރުފިޔާ އާއި ފަސް މިިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ޖެހެ އެވެ.

ފޭރުނު މީހުން ސައިކަލްގައި ދިޔަ މަންޒަރު ދުށް މީހަކު އަވަސް އަށް ކިޔައިދިން ގޮތުގައި އިސްލާމިކް ބޭންކް ކައިރީގައި ހުއްޓައި ވަރަށް ބާރަށް ތިން ސައިކަލް ދުއްވާފައި ދިޔަތަން އޭނާއަށް ފެނުނެވެ. އަދި އެ ސައިކަލްތައް އައީ މޫކައި ހޮޓަލާއި ކައިމޫ ހޮޓަލާ ދިމާލުގައި އިންނަ މަގުން ކަމަށް އޭނާ ބުންޏެވެ.

"ތިން ސައިކަލް ވަރަށް ބާރަށް ދުއްވާފައި ދިޔަތަން ދުށިން. ދެ ސައިކަލްގައި ހަތަރު މީހުން ތިބި. އަދި ވަކިންވެސް މީހަކު ދުއްވާފައި ދިޔަ. އެތަނުން ވަކިން ދުއްވާފައި ދިޔަ މީހާ އިސްލާމިކް ބޭންކް ކައިރީގައި ހުންނަ މިސްކިތް ކަންމައްޗަށް ވެއްޓުނީ އެހެން ސައިކަލްއެއްގައި ޖެހިފައި. އެކަމަކު ކުރިން ދިޔަ ދެ ސައިކަލް ހަމަ ދުއްވާފައި ދިޔަ ގޮތަށް ދިޔައީ،" ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.

ބޮޑެތި ވިޔަފާރިތަކަށް ޓާގެޓްކޮށްގެން ފޭރުން ދަނީ އިތުރުވަމުންނެވެ. މިގޮތުން ނިމިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ފޭރުމުގެ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އަދި މި މައްސަލަތަކުގައި ބޮޑެތި އަދަދުތަކުން ފައިސާ ވަނީ ގެއްލިފަ އެވެ.