ދުނިޔެ

އިންޑިއާގެ އާންމު އިންތިހާބުގެ ތާރީހުތައް އިއުލާނުކޮށްފި

Mar 11, 2019

ނިއު ދިއްލީ (މާޗް 11) - އިންޑިއާގެ 900 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓުލުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބު ތާރީހުތައް އިއުލާނުކޮށްފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެޓިކް ހަރަކާތުގައި ގޮތުގައި ސިފަ ކުރާ އިންތިހާބުގައި ގާތްގަނޑަކަށް މިލިއަނެއްހާ ވޯޓު ފޮށި ބަހައްޓާނެ އެވެ.

ހަތް ފިޔަވައްސަކަށް ބަހާލައިގެން އިންތިހާބު ކުރިއަށްދާނީ، އަންނަ އޭޕްރީލް މަހުގެ 11، 18، 23، 29 އަދި މެއި މަހުގެ 6، 12، 19 ގައި ކަމަށް އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާނުކޮށްފައި އެވެ. އަދި ވޯޓު ގުނަން ހަމަޖެހިފައިވަނީ މެއި 23 ވަނަ ދުވަހެވެ.

އިދިކޮޅު ޕާޓީތަކުގެ ކަންބޮޑުވުންތަކާއެކު، އިލެކްޓްރޯނިކް ވޯޓިންގްގައި މިފަހަރު، އިތުރު ސަލަމާތީ ސިސްޓަމެއް ބޭނުންކުރާނެކަމަށް އިލްކޝަންސް ކޮމިޝަނުން ވަނީ ބުނެފައި އެވެ.

ވޯޓާ ވެރިފަޔަބަލް ޕޭޕާ އޮޑިޓް ޓްރެއިލް (ވީވީޕީއޭޓީ) އިންނާނީ އިލެކްޓްރޯނިކް ވޯޓިންގް މެޝިނާއި ގުޅާފައި އެވެ. ވީވީޕީއޭޓީ އިން ވޯޓުލާ ކެންޑިޑޭޓުގެ ލޯގޯ، ނަން އަދި ސީރިއަލް ނަމްބަރެއް ފެންނަ ގޮތަށް ސްލިޕްކޮޅެއް ޕްރިންޓުކޮށްދޭނެ އެވެ. އަދި އެ ސްލިޕް ކޮޅު ވޯޓުގެ ސައްހަކަން ކަށަވަރުކުރުމަށް އިލެކްޝަންސް އޮފިޝަލުންނަށް ފަހުން ބޭނުންކުރެވޭނެ އެވެ.

މި އިންތިހާބުގައި، އިންޑިއާގެ ޕާލިމަންޓުގެ ތިރިގެ "ލޯކް ސަބާ" ގައި ތިއްބަވާ ޖުމްލަ 545 މެމްބަރުންގެ ތެރެއިން 543 މެމްބަރުން އިންތިހާބު ކުރެވޭނެ އެވެ. ބާކީ ދެ ގޮނޑިއަކީ، އިންޑިއާގެ ރައީސް އައްޔަނުކުރައްވައި، އެންގްލޯ-އިންޑިއަން ނަސްލު ތަމްސީލުކުރާ ދެ މެމްބަރުންނެވެ.

މޯދީ ދެވަނަ ދަރުރަކަށް؟

މިހާރުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދެވަނަ ފަހަރަށް އިންތިހާބުވުމަށް ވާދަކުރައްވަނީ އިދިކޮޅުގެ ފުޅާ ކޯލިޝަނަކާއި އެވެ. ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ އިސްވެ، ވާދަކުރައްވަނީ 2014 ވަނަ އަހަރުގެ އިންތިހާބުގައި ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކުރި މޯދީގެ ބީޖޭޕީ އާއެވެ.

ވަޒީފާ މަދުވުމާއި، އިގުތިސޯދު ހީނަރަވަމުން އައުމުގެ ސަބަބުން، ބީޖޭޕީއަށް އޮންނަ ތާއީދު ނޭދެވޭ އަސަރުކޮށްފައިކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އަދި ސީދާ ބީޖޭޕީގެ ސަރުކާރެއް ގާއިމުކުރަން ބޭނުންވާ 272 ގޮނޑި ކާމިޔާބުކުރަން މޯދީގެ ޕާޓީއަށް އުނދަގޫވާނެކަމަށް ވެސް ބެލެވެ އެވެ.