ހަބަރު

ޖަމީލްގެ ސެކިއުރިޓީ ހުއްޓާލީ ޕްރޮޓޮކޯލްތަކުގެ ބޭރުން އަމަލު ކުރާތީ: އޮފިޝަލް

Jul 7, 2015
1

ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަށާއި އާއިލާއަށް ސެކިއުރިޓީ ދިނުން ހުއްޓާލީ ޕްރޮޓޮކޯލްތަކުގެ ބޭރުން ނައިބު ރައީސް އަމަލު ކުރެއްވުމުން ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް އާއި އާއިލާއަށް ސެކިއުރިޓީ ދިނުން ހުއްޓާލި މައްސަލައިގައި، "އަވަސް" އިން ސުވާލު ދެންނެވުމުން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ނައިބު ރައީސް އިނގިރޭސި ވިލާތަށް ވަޑައިގަތީ ރައީސްގެ ހުއްދަ ހޯދައިގެން ނޫން ކަމަށެވެ. އަދި އެމަނިކުފާނު ރައީސްގެ ހުއްދަ ހޯއްދަވާފައި އޮތީ އިންޑިއާގެ ބެންގަލޫރަށް ބޭސްފަރުވާއަކަށް ވަޑައިގަތުމަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެކަމަކު ޕްރޮޓޯކަލްތައް އޮންނަ ގޮތުން ނައިބު ރައީސްއަށް ގައުމުން ބޭރަށް ވަޑައިގެންނެވޭނީ ރައީސްއަށް އެކަން އަންގައި ހުއްދަ ލިބިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕްރޮޓޯކޯލްތަކުގެ ބޭރުން އަމަލު ކުރެއްވީމާ އެމަނިކުފާނުގެ ސެކިއުރިޓީ ހުއްޓާލަން ޖެހުނީ. ސެކިއުރިޓީ ދެނީ ޕްރޮޓޮކޯލްތަކާ އެއްގޮތަށް އަމަލު ކުރާއިރު،" އޮފިޝަލް ވިދާޅުވި އެވެ.

ނައިބު ރައީސް ބެންގަލޫރަށް ވަޑައިގެންނެވި އިރު އެމްއެންޑީއެފްގެ ސެކިއުރިޓީން އެމަނިކުފާނާއެކު ދިޔަ އެވެ. އެހެން ނަމަވެސް ސްރީލަންކާ އެއާޕޯޓުން އިނގިރޭސި ވިލާތަށް ފުރާވަޑައިގަންނަވާކަން އެނގުމުން އެމްއެންޑީއެފްގެ ސެކިއުރީޓި އިން ވަނީ ސީދާ ޑިފެންސް މިނިސްޓަރުގެ އެންގުމަށް އަނބުރާ ގެނެސްފަ އެވެ. އޭގެ ފަހުން އެމަނިކުފާނަށް ވެސް އަދި އަނބިކަބަލުންނަށް ވެސް ވަނީ ސެކިއުރިޓީ ދިނުން ވަނީ ހުއްޓާލައިފަ އެވެ. ނައިބު ރައީސްގެ އަނބިކަބަލުން ވަނީ މިދިޔަ ހަފްތާ މާލެ ވަޑައިގެންފަ އެވެ.

އެމްއެންޑީއެފުން ނައިބު ރައީސްއަށް ސެކިއުރިޓީ ދިނުން ހުއްޓާލި މައްސަލައިގައި ސިފައިން ވެސް އަދި ސަރުކާރުން ވެސް ރަސްމީކޮށް ވާހަކަ ދައްކަން ބޭނުމެއް ނުވެ އެވެ.

އޮފިޝަލް ވިދާޅުވީ ނައިބު ރައީސް ކަމުގައި ހުންނަވައިގެން، ސަރުކާރު ބަދުނާމުވާ ގޮތަށް ވާހަކަ ދައްކައި ބޭރުގެ ޕްރެޝަރުތައް ރާއްޖެއަށް އިތުރު ކުރުމަށް މަސައްކަތް ކުރުމަކީ ވެސް ޕްރޮޓޮކޯލްތަކާ ހިލާފަށް އެމަނިކުފާނު ހިންގާ ކަމެކެވެ. އަދި ނައިބު ރައީސް ލަންޑަނަށް ވަޑައިގަތް ކަމެއް ވެސް އަދި އެތަނުގައި ކުރައްވަނީ ކީއްކަމެއް ވެސް މިހާތަނަށް ނައިބު ކޮމިޔުނިކޭޓް ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް ކުރެއްވީމާ އެ މަނިކުފާނަށް މިހިނދުން މިހިދަށް ސެކިއުރިޓީ ދެވެން ނެތީ. އެމަނިކުފާނު ހުރިތަނެއް އެނގިގެން ނޫންތޯ ސެކިއުރިޓީ ވެސް ދޭން އިނގޭނީ،" އޮފިޝަލް ވިދާޅުވި އެވެ.

ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ 61 މެންބަރުންގެ ސޮޔާ އެކު މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި ޖަވާބުދާރީ ވާން ނައިބު ރައީސަށް ވަނީ ނޯޓިސް ފޮނުވައިފަ އެވެ. އެ ނޯޓިސްގެ މުއްދަތު ހަމަވާނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.