ވިޔަފާރި

ސޮނޭވާ ފުށީގައި އުސް ލަޒްގަރީ ވިލާއެއް ހަދައިފި

Mar 12, 2019

ރަށް މަތިން އިރުއަރާ އަދި އިރުއޮއްސޭ މަންޒަރު ބަލައިލެވޭ ގޮތަށް، ހާއްސަ ބައެއް ހިމެނޭ ވިލާއެއް ސޮނޭވާ ފުށީގައި ހަދައި، ހުޅުވައިފި އެވެ.

ޓޫރިޒަމް ހަބަރު ފަތުރާ ވެބްސައިޓްތަކުގައިވާ ގޮތުން ސޮނޭވާ ފުށިން މި ފަހަރު ތައާރަފުކޮށްފައިވާ "ވިލާ 37" ނަމުން ނަން ދީފައިވާ ވިލާއަކީ ރާއްޖޭގެ ރަށެއްގައި މިހާތަނަށް ހަދާފައިވާ އެންމެ އުސްބައި ހިމެނޭ ވިލާއަށް ވާނެ އެވެ. މި ވިލާގެ މަތީގައި ރަށުގެ ގަސްކަރަ ވަށިގެން ބަލައިލެވޭ ގޮތަށް ހަދާފައިވާ "މޫން ލައިޓް ޓޭބަލް" ހުންނަނީ 36 ފޫޓު އުހުގަ އެވެ.

ޓޫރިޒަމަށް އާ ގިނަ ކަންތައްތަކެއް ތައާރަފު ކުރަމުންގެންދާ ސޮނޭވާ ގްރޫޕުން ބ. އަތޮޅުގައި ހިންގާ ސޮނޭވާ ފުށީގައި ހަދާފައިވާ "ވިލާ37" ފަސް ކޮޓަރި ހުންނަ މި ވިލާގެ ބޮޑު މިނުގައި 20،000 އަކަފޫޓު ހުރެ އެވެ. މި ވިލާގައި އެއްވެސް ދަތިކަމެއް ނެތި އަށް މީހުންނާއި ހަތަރު ކުދިންނަށް އުޅެލެވޭނެ ތަނަވަސް ޖާގަ އޮވެ އެވެ. އަދި އައުޓްޑޯ އާއި އިންޑޯ ބާތްޓަބް ހަރުކޮށްފައިވެ އެވެ.

"ވިލާ 37" ގައި ލިބެން ހުރި އެހެން ހިދުމަތްތަކުގެ ތެރޭގައި ލައިބްރަރީ އާއި ސައުނާ އަދި 3700 ސްކެއާ ފޫޓުގެ ސުވިމިން ޕޫލް އާއެކު 270 ސްކެއާ ފޫޓުގެ ކުޑަކުދިންގެ ޕޫލެއް ވެސް ހުރެ އެވެ. އަލަށް ސޮނޭވާ އަށް ނެރުނު ވިލާވަނީ އެ ކުންފުނިން ވިލާ "ވިއްކަން" ކުރިއަށް ގެންދާ ވިލާ އޯނާޝިޕް ޕްރޮގްރާމުގައި ހިމަނާފަ އެވެ.