ވިޔަފާރި

އެންމެ ހިތްގައިމު 50 ހަނީމޫން ރިސޯޓުގެ އެއްވަނަ ރާއްޖޭގެ ބަރޮސް އައިލެންޑް ރިސޯޓަށް!

Jul 7, 2015

ޓެލެގްރާފުން ހޮވި ދުނިޔޭގެ އެންމެ ހިތްގައިމު 50 ހަނީމޫން މަންޒިލްގެ އެއްވަނަ ރާއްޖޭގެ ބަރޮސް އައިލެންޑް ރިސޯޓަށް ލިބިއްޖެ އެވެ.

އިނގިރޭސިވިލާތުގެ ޓެލެގްރާފް ނޫހުން ސިފަކޮށްފައިވާ ގޮތުގައި ބަރޮސް އައިލެންޑް ރިސޯޓުގައި ލަކުޑިން ހަދާފައިވާ 30 މޫދު ކޮޓަރިއަކީ އެފަދަ ދެވަނައެއް ނެތްފަދަ ރީތި ތަނެކެވެ. އަދި އެ ރިސޯޓުގެ ރެސްޓޯރެންޓަށް ޓެލެގްރާފުން ތައުރީފު ކޮށްފައިވެ އެވެ.

މި ލިސްޓުގައި ބަރޮސް އައިލެންޑް ރިސޯޓުގެ އިތުރުން ރާއްޖޭގެ ކޮކޯ އައިލެންޑް ރިސޯޓު ވެސް ހިމެނިފައިވެ އެވެ.

 އެންމެ ހިތްގައިމު ހަނީމޫން މަންޒިލްގެ ގޮތުގައި ބަރޮސް އައިލެންޑް ރިސޯޓު ހޮވުނުއިރު، މިދިޔަ މަހު ނިމިގެން ދިޔަ ވޯލްޑް ޓެރެވަލް އެވޯޑުގެ އެންމެ ރޮމޭންޓިކް ރިސޯޓުގެ އެވޯޑުވެސް ބަރޮސް އައިލެންޑް ރިސޯޓަށް ލިބިފައިވެ އެވެ.

ޓެލެގްރާފުގެ އެންމެ ހިތްގައިމު ހަނީމޫން މަންޒިލްގެ ދެވަނަ ލިބިފައިވަނީ ކެރީބިއަން ސަރަހައްދަށް ނިސްބަތްވާ ތަހިތީ ފޯސީޒަން ބޯރާ ބޯރާ ރިސޯޓަށެވެ އަދި ތިންވަނާގައި ވެސް ހިމެނިފައިވަނީ މި ސަރަހައްދަށް ނިސްބަތްވާ ރިސޯޓެކެވެ. މި ލިސްޓުގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ރިސޯޓު/ ހޮޓާތައް ހިމެނިފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖެއާ އަވަށްޓެރި ސްރީލަންކާ އާއި މެލޭޝިޔާ އަދި ތައިލެންޑުގެ ބައެއް ރިސޯޓުތަކާއި ސީޝެލްސް އާއި މޮރިޝަސް ވެސް ހިމެނެ އެވެ.