އަލީ ވަހީދު

ކުލަބުތަކަށް ސަރުކާރުން ފައިސާ ދޭނެ: އަލީ ވަހީދު

ސްޓޭޓް އޯން އެންޓަޕްރައިސް 'އެސްއޯއީ'ގެ ދަށުން، މިދިޔަ ދެ އަހަަރު، ސަރުކާރު ކުންފުނިތަކުން ކުލަބުތަކަށް ދީފައިވާ މާލީ އެހީ މި އަހަރުވެސް ސަރުކާރުން ދޭނެ ކަމަށް، ޔޫތު ސްޕޯޓްސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދު، ޔޫތު ސްޕޯޓްސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަލީ ވިދާޅުވީ އެސްއޯއީގެ ދަށުން ކުލަބުތަކަށް ފައިސާގެ އެހީތެރިކަން ނުދޭން ސަރުކާރުން އެއްވެސް އިރެއްގައި ނިންމާފައި ނުވާނެ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު، ފުރަތަމަ ޑިވިޝަންގެ ފަސް ކުލަބާއެކު ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައި ވަނީ، މިދިޔަ ދެ އަހަރު ސަރުކާރުގެ ކުންފުނިތަކުން ކުލަބުތަކަށް ދެމުން އައި މާލީ އެހީ ދެން ދޭނީ ސީދާ އެފްއޭއެމުން ކަމަށެވެ.

މިއަދު، މިނިސްޓަރު އަލީ ވިދާޅުވީ ސަރުކާރުން ކުލަބުތަކަށް މާލީ އެހީތެރިކަން ނުދޭން ނިންމާފައިވާ ކަމަށް އެފްއޭއެމުން ވާހަކަ ދައްކަ ކަމަށާއި، ސަރުކާރުގެ ނަމުގައި ވާހަކަ ދެއްކުމުގެ ހައްގު އެފްއޭއެމްއަށް ލިބިގެން ނުވާ ކަމަށެވެ.

"ސަރުކާރުން ދޭ ފައިސާ ރަނގަޅަށް ބެލެހެއްޓި އެ ހޭދަ ކުރެވޭގޮތް އެނގެން ޖެހޭނެ ކަމަށް ސަރުކާރުން ބުނުމަކީ ކުލަބުތަކަށް ފައިސާ ނުދޭނެ ކަމަށް ބުނުމެއް ނޫން،" މިނިސްޓަރު އަލީ ވިދާޅުވި އެވެ. "މިނިސްޓަރު މަހުލޫފުވެސް މި މިނިސްޓްރީންވެސް ސަރުކާރުން ބުނެފައެއް ނޯންނާނެ އެސްއޯއީގެ ދަށުން ކުލަބުތަކަށް ފައިސާ ނުދޭނެ ވާހަކަ އެއް."

ވަޒީރު ވިދާޅުވީ ކުލަބުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ ހަރުދަނާ މޮޑެލެއްގެ މައްޗަށް ކުލަބުތައް ހިންގޭނެ ގޮތަށް، މިދިޔަ ދެ އަހަރު ސަރުކާރުން ދިން މިންވަރަށް ވުރެ މާ ރަނގަޅަށް މި ސަރުކާރުން އެހީތެރިކަން ފޯރުކޯށްދޭނެ ކަމަށެވެ. ކުލަބުތަކުގެ އިތުރުން އެސޯސިއޭޝަންތަކަށްވެސް އެސްއޯއީގެ ދަށުން ފައިސާގެ އެހީތެރިކަން ލިބޭނެ ގޮތް ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވޭ މިރާއްޖޭގެ ކުލަބުތަކަކީ ރަނގަޅު މޮޑެލްއެއްގެ ދަށުން ހިންގާ އަރަނި ކުލަބުތަކެއް ކަމުގައި ކުލަބުތައް ހަދަން،" އަލީ ވިދާޅުވި އެވެ. "މިހާރު މިދޭ ވަރަށް ވުރެ މާ ރަނގަޅަށް އަޅުގަނޑުމެން ކުލަބުތަކަށް އެހީ ފޯރުކޮށްދޭނަން."

އަލީ ވިދާޅުވީ، ރާއްޖޭގެ ޕްރައިވެޓް ސެކްޓާއިން ކުލަބުތަކަށް އިންވެސްޓް ކުރުމުގެ މަގު ހުޅުވައި ދިނުމަށް މިނިސްޓްރީން މެދުވެރިއަކަށް ވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން އެފްއޭއެމް އާ ދެކޮޅުވެރިކަމެއް އެއްވެސް އިރެއްގައި ނުގެން ގުޅޭ ކަމަށެވެ.

"މި މިނިސްޓްރީން ނޯންނާނެ އެފްއޭއެމްއަށް ދަތި ކުރަން އެލީ އެއްވެސް ފިޔަވަޅެއް،" މިނިސްޓަރު ވިދާޅުވި އެވެ. "މީގެ ރެކޯޑް އޮންނާނެ، އެއީ އަޅުގަނޑުމެން ގަބޫލު ކުރާގޮތުގައި ސިޔާސީ ނުކުރަން ޖެހޭ ސަބަބުތައް އޮންނާނެ، ރާއްޖޭގެ ކުޅިވަރު، ރާއްޖޭގެ އިގްތިސޯދު މިކަންކަމަކީ އެއްވެސް ހާލެއްގައި ސިޔާސީ ކުރަންވީ ކަންކަމެއް ނޫން."